
މި ލިޔުމުގެ ކަވަރ ފޮޓޯއަކަށް މީދާ ކޭ އުނބެއްގެ ފޮޓޯއެއް ހިމަނާފައިވަނީ އެއްވެސް ފަރާތަކަށް މަލާމާތްކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެއީ، ލިޔުމުގެ މައިގަނޑު މާނަ ކިޔުންތެރިންނަށް ފަސޭހައިން ވިސްނައިދިނުމުގެ މަގްސަދުގައެވެ.
ވޯޓުފޮށި ހުޅުވާލާއިރު..
ވޯޓު ފޮށި ހުޅުވާލާއިރު، އަބަދުވެސް މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. ގިނަމީހުން ބޮޑަށް ބަލަނީ ކޮން އާއިލާއެއްގެ މީހެއްތޯއެވެ. ކެންޑިޑޭޓުގެ ވިސްނުމާއި ތަޢުލީމަށްވުރެ ބޮޑަށް ބަލަނީ ކޮން ޕާޓީއެއްގެ ކާކުތޯއެވެ. އަދި އަމިއްލަ ގޮތުން ވިޔަސް، ޕާޓީއަކުން ވިޔަސް، ހަމައެހެންމެ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރިކަމުގައިވިޔަސް، އެވަގުތެއްގައި ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރާ މެންބަރުގެ ނުފޫޒާއި، ޕާޓީތަކުގައި ހިންގަންތިބޭ ބޮޑުންގެ ފަރާތުންވެސް، ނުފޫޒު ފޯރާކަމީ ދެބަސްވެވެންނެތް ހަޤީގަތެވެ. ރައްޔިތުންގެ ޙައްޤުގައި، ރަށުގެ ތަރައްޤީއާއި، ރަށަށް ދުރު ރާސްތާގެ މުސްތަޤުބަލެއް ހޯދައިދޭން ކުރެވޭނީ ކޮން ކަމެއްތޯ ބެލުމުގެ ބަދަލުގައި، ތިމާގެ މީހާއަށް، ރައްޓެހި މީހާއަށް، ނުވަތަ މެންބަރު ބުނާމީހަކަށް ވޯޓުދެނީއެވެ. ކޮންމެ އިންތިޚާބެއްގައިވެސް ޤާބިލު ކެންޑިޑޭޓުން ބަލިވެގެންދާ ސަބަބަކީ މިއީ ނޫންތޯއެވެ؟
ވިސްނާލައްވާށެވެ. ދޮގު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ނަފްރަތުގެ މައްޗަށް ބިނާކޮށް، ބޭކާރު ވާހަކަ ތަކެއްގެ މައްޗަށް ބިނާކޮށް، ދެވޭ ވޯޓަކުން ނުކުންނާނީ ކޮންކަހަލަ ނަތީޖާއެއްތޯއެވެ؟ އެ ވޯޓުތަކުން ނުކުންނާނީ ނާޤާބިލު ލީޑަރުންނެވެ. އެ ވޯޓުތަކުން އިންތިޚާބު ވާނީ ހެއްވާ ދޮގު ވައުދުތައް ވާނެ މީހުންނެވެ. މާޒީގައި ކައުންސިލްތަކުގެ ދައުރުތައް ނިމިގެން ދިޔަގޮތާއިމެދު ވިސްނާލައިފި ކޮންމެ މީހަކަށް މިކަން ކަށަވަރުވާނެއެވެ. އެ ވޯޓުތަކުން ނުކުމެފައިވާ ގިނަމީހުންނަކީ، ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ބަދަލުގައި، އަމިއްލަ މަންފާއަށް މަސައްކަތްކުރާ މީހުންނެވެ.
އަޅުގަނޑުމެންގެ ރަށުގައި، އަޅުގަނޑުމެންގެ އަތޮޅުގައި، ހަގީގީ ބަދަލު ގެނެވިދާނެފަދަ މީހުން ތިބިއިރު، އެމީހުންނަށް ފުރުސަތު ނުލިބެނީ ކީއްވެގެންތޯއެވެ؟ އެފަދަ ޤާބިލުކަންހުރި މީހުން ކުރިމަތިވެސް ނުލަނީ ކީއްވެގެންތޯއެވެ؟ އެއީ ހަމަ ބައެއް ބޮޑެތި އާއިލާތަކުގެ ނުފޫޒުގެ ސަބަބުންނެވެ. އެއީ ފައިސާގެ ބާރު ގަދަވުމުގެ ސަބަބުންނެވެ. އެއީ ހެޔޮނިޔަތުގައި ކުރިމަތިލާ މީހާގެ އަގުވައްޓާލުމަށް ހަޑިހުތުރު ހަގީގަތެއްނެތް ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުންނެވެ. މުޖުތަމައުގައި ދޮގު ވާހަކަތައް ފަތުރަނީ އަލިފާންގަނޑެއް ރޯވެ ދައުރުވާހާ ބާރުމިނުގައެވެ. ހަގީގަތް ހޯދުމަކީ މިހާރު، އެއްވެސް މީހަކު ކުރާކަމަކަށް ނުވެއެވެ. ހަމަ އަޑުއިވުމާއެކު ގަބޫލުކުރުމަކީ އާންމު އާދައަކަށް ވެއްޖެއެވެ.
ތިމާގެ ރަށުގެ ކައުންސިލަރުންނަކީ، ރަށުގެ ތަރައްޤީގެ މޭސްތިރިންނެވެ. ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ހޯދުމުގެ އުންމީދުގައި ރައްޔިތުން އިންތިޚާބު ކުރާ، ރައްޔިތުންގެ މަންދޫބުންނެވެ. ކޮންމެ ސިޔާސީ ފިކުރަކުން އައި ކަމުގައިވިޔަސް ރަށުގެ ރައްޔިތުންގެ ޙާދިމުންނެވެ. ބަޖެޓް ރޭވުމާއި، މަޝްރޫޢުތައް ހިންގުމާއި، ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ޒިންމާ އުފުލާ މީހުންނެވެ. އެ މީހާ ހޮވާއިރު ބަލަންވީ ލޭގެ ގުޅުމަކަށް ނޫނެވެ. ބަލަންވީ އެ މީހެއްގެ ކިބައިގައި އެ ޒިންމާ އުފުލޭނެ ޢިލްމާއި ހުނަރާއި ތެދުވެރިކަން ހުރިތޯއެވެ. ސަބަބަކީ ޒަމާނަށް އައިސްފައިވާ ބަދަލުތަކަށް ލޯހުޅުވިފައިވާ، ޒުވާންއާއިލާތަކުގެ ހައްގުގައި ވަކާލާތު ކުރަން ރަނގަޅަށް ދަންނަމީހާ ނުހޮވުމުގެ ގެއްލުން ފެންނާނީ، ވޯޓަށްފަހު ކުރިއަށް އޮންނަ 5 އަހަރުގެ ދައުރުގެ ތެރޭގައި ކަމަށް ވާތީއެވެ.
އަޅުގަނޑުމެންގެ ރަށުކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރަން ހޮވާ ކޮމިޓީއަށް މީހުން ހޮވާއިރު، ކޮންމެވެސްވަރަކަށް ވިސްނުން ތަނަވަސް މީހުން އިންތިޚާބު ކުރަން އެބަޖެހެއެވެ. މިކަން ރަނގަޅު ނުކޮށް، ކަންކަން ރަނގަޅު ނުވާ ވާހަކަ ދައްކަނީ ކޮންބޭނުމެއްގައި ހެއްޔެވެ؟ އާއިލާމީހާއާއި ޕާޓީމީހާ ނުވަތަ މެންބަރު ދައްކާމީހާ ހޮވަން އުޅެގެން ކޮންމެ ފަހަރަކު މި ހެދޭ ގޯސް ހަމަ ގަސްތުގައި، ތަކުރާރު ކުރުމަށްފަހު، 5 އަހަރުވަންދެން ފޭސްބުކްގައާއި، ކޮފީމޭޒުތަކުގައާއި، ޖޯލިފަތިތަކުގައި، ކައުންސިލަރުންގެ ދޯދިޔާކަމުގެ ވާހަކަ ދައްކާލަ ދައްކާލާ، ދެންވެސް ތިބޭނީހެއްޔެވެ؟
އަޅުގަނޑުމެން ވޯޓުދީގެން ހޮވާ ބައެއް މީހުންގެ ކިބައިން ފެނިގެންދަނީ، ރަށުގައި ހުރެގެން އަދާކޮށްލާ ވަޒީފާއެއްގެ ގޮތުގައި ހޭދަކޮށްލާ 5 އަހަރުގެ ދައުރެއް، އެއްވެސް ވިސްނުމެއްނެތި ހޭދަކޮށްލާތަނެވެ. އެއީ އެއްވެސް ތަޞައްވުރެއް، އަދި ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯދައިދެވޭނޭފަދަ "ތެތްކަމެއް" ވެސް ސިކުނޑީގައި ނެތް މީހުންނެވެ. ދިގުމުއްދަތުގެ ލަނޑުދަނޑިތަކެއް، އަދި ހަމަޖެހޭ ވިޔާދާ ވިސްނުމެއްވެސް އެފަދަ މީހުންގެ ކިބައިގައި ނުހުންނަކަމީ މިއަދު ހިތާމަ ކުރަންޖެހޭ ކަމަކެވެ. އެފަދަ މީހުންގެ އާދައަކީ، ކުރިމަތިވާ މައްސަލަތަކަށް ދާއިމީހައްލެއް ހޯދުމަށް ވިސްނުމުގެ ބަދަލުގައި، އެ ވަގުތެއްގައި ދިމާވާ ކަމަކާ ގުޅުންހުރި ދެތިންބަހެއް ބުނެލާ، ވަގުތީގޮތުން އެކަމެއް ހަމަޖައްސާލުމެވެ. ނުވަތަ އަވަހަށް އެކަމަކުން ބޯދަމައިގަތުމެވެ. ނަތީޖާއެއްގެ ގޮތުން، ރަށުގެ ހައްޤުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން، އެންމެ މުހިންމު ކަންކަމުގެ ގޮތުގައި އިސްކަންދޭންވީ ކަންކަމުގެ ވަކި ތަރުތީބެއްވެސް ނުވިސްނި، އޮޅުންބޮޅުންވެ، ވޭތުވެދިޔަ ކައުންސިލްތަކުގައި ކަންކަން ހިނގި މަގަށް، އެކަންކަން އަނބުރާ ރުޖޫއަވެގެން ދަނީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ތުޅާދޫ ކައުންސިލަށް އާންމުކޮށް ދިމާވާ، މައިގަނޑު މައްސަލައަކީ، ޒަމާނުއްސުރެ ރަށުގައި އުފެދިފައިވާ ކޮޅު ވާދަވެރިކަމާއި، ސިޔާސީ ވާދަވެރިކަމާއި، ވަކިވަކި އާއިލާތަކުގެ ބޮޑުކަމާއި ހައިބަތު ދެއްކުމަށް ޒާތީ ތަޢައްޞުބު ކުރިއަށްނެރި ކުރަމުންއަންނަ މަސައްކަތްތަކެވެ. ކައުންސިލްތަކުގައި، "މަރުތަޅު" އެޅިފައިވާ ފަދަ ގޮތަކަށް ކަމެއް ކުރިއަށް ނުގޮސް، އޮޅުންބޮޅުންވެފައި އޮންނަނީ މިސަބަބާ ހުރެއެވެ. ހެޔޮ ވިސްނުން އިސްކުރާ އެއްވެސް މީހަކު މިކަން ދޮގެއްނުކުރާނެއެވެ. އަސްލު ހަޤީގަތް ފޮރުވުގެ ބަދަލުގައި ކެރިގެން ކުރިމަތިލާން ދަސްކުރަން ވެއްޖެއެވެ. ރަށުގެ އަސްލު މައްސަލަތައް ހައްލުނުކޮށް، ފަސްއަޅާ ފޮރުވައިގެން ތިބެ ލިބޭނޭ ތަރައްޤީއެއް އަދި މުސްތަޤުބަލެއްވެސް ނޯންނާނެއެވެ.
ހަމައެހެންމެ، ކިތަންމެ މޮޅު ކިތަންމެ ޢިލްމީ ބަޔަކު އެކަނި އިންތިޚާބު ކޮށްގެންވެސް މިއަދު ފަރުޖެހޭކަށް ނެތެވެ. ރަށުގެ ރައްޔިތުންވެސް ޒިންމާދާރުވެ، ހަސަދަވެރިކަމާ ކޮޅުވާދަވެރިކަން އެއްފަރާތްކޮށް، ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުން ޒިންމާދާރުކުރުމަށް، އަދި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަން ދަސްކުރަންވެއްޖެ އެވެ. ކޮންމެ ކައުންސިލަރަކު ވެސް 5 އަހަރުގެ ދައުރަކަށް އިންތިޚާބު ވުމަށްފަހު، ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ދަސްކުރާށެވެ. އެންމެ އިސްކަމެއް ދީގެން ރައްޔިތުންގެ ލޯބި، އަދި ތާއީދު ވީހާވެސް ބޮޑަކަށް ހޯދުމަށް މަސައްކަތްކުރާށެވެ. ތަފާތު ފިކުރުގެ މީހުންނާ އެކީ މަސައްކަތް ކުރަން ދަސްކުރާށެވެ. އެންމެން އެކަތިގަނޑަކަށްވެ ރަށުގެ ދުރު ރާސްތާ މުސްތަޤުބަލުގެ ޕްލޭންތައް އެކުލަވާލާ، އެކުވެރި އެއްބައިވަންތަ މާހައުލެއް ޤާއިމުކޮށް، ކޮންމެ ޕާޓީއަކުން ތިމާ އިންތިޙާބު ވިކަމުގައި ވީނަމަވެސް، ރައްޔިތުންގެ މަސްލަހަތާއި ރަށުގެ ތަރައްޤީއަށް އިސްކަންދޭން ހަނދާންކުރާށެވެ. ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ތިމާމެންގެ އަމިއްލަ އެދުމުން ދުރުވެ، ކޮންމެ ކަމެއްގެވެސް ދެފުށް ފެންނަހެން، ރައްޔިތުންގެ އުންމީދާ ވިންދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންގޮސް، އެންމެ މުހިންމުކަމެއްގެ ގޮތުގައި މުޅި ރަށް އެއްބައިވަންތަކުރުމަށް ކައުންސިލަރުން އިސްނަގާ މަސައްކަތް ކުރަމާހިނގާށެވެ.



ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.