
މިފަދަ ކުދި ކުދި ކަންކަން ނުފެންނަ ލޮލަކަށް، ރަށުގެ މުސްތަޤްބަލެއް ނުފެންނާނެ!
ނޯޓް: މި ލިޔުމަކީ، އަޅުގަނޑުމެންގެ ރަށަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި ލިޔެފައިވާ ލިޔުމެކެވެ. ވީމާ އަޅުގަނޑުމެންގެ ރަށުގެ ނަމަށް ހުތުރުވާނެފަދަ، ޒާތީ ނުވަތަ ސިޔާސީ މަޤުސަދެއްގައި މިލިޔުން ބޭނުން ނުކުރެއްވުން އެދެމެވެ. ރާއްޖޭގެ އެހެން ރަށްރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށްވެސް މި ލިޔުމުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެކަމުގައި އުންމީދު ކުރަމެވެ.
---------------------------------
ވިސްނާލައްވާށެވެ. މިކަމަކީ، ބަޖެޓުގެ ދަތިކަމަކުން ވީކަމެއް ނޫނެވެ. މިއީ އެތައް ދުވަހެއްގެ ޕްލޭނިންގ އާއި، މިލިއަނުން ޚަރަދު ބޭނުންވާ މާބޮޑު ކަންތައްގަނޑެއްވެސް ނޫނެވެ. ނިމިދިޔަ ދައުރުގެ ކައުންސިލަރުންގެ އަތުގައި މިކަން ހައްލުކުރުމަށް ބޭނުންވާ ބާރާއި ވަސީލަތްތަކާއި މުވައްޒަފުން ނެތީކީއެއްވެސް ނޫނެވެ. އެބޭފުޅުންގެ ކިބައިގައި ނެތްހާވެސް އެއްޗަކީ އެންމެ އަސާސީ ޤާބިލުކަމެވެ. ނުވަތަ އެއަށްވުރެ ބޮޑަށް، އެ ހުރިހާ ކަމެއް އެނގިތިބެ، އަހަރުތަކެއް ވީއިރުވެސް، އެކަމާ އަޅާލާނެ ވަގުތެއް އެބޭފުޅުންނަށް ނުވީއެވެ. މިއީ އާއިލާތައް ކުޑަކުދިން ގޮވައިގެން ހިންހަމަޖައްސާލާ، ދުވެލާ، މޫދަށްއެރިލާ ހަދާލަން އޮތް ޕާކެއްގައި، ކުޑަކުދިންނާއި އާންމުންނަށް އަނިޔާވާގޮތަށް، ނުނެގިހުރި، ކުދި ގަސްބުޑުތަކެއްގެ ވާހަކައެވެ. އެތައް ދުވަހެއް ފާއިތުވެ ދިޔައިރުވެސް މިކަން ހައްލުނުކުރެވި މިވަނީ، އެބޭފުޅުންގެ ފަރުވާކުޑަކަމުގެ ސަބަބުންނޭ މީހަކު ބުނެފިނަމަ ފަހަރެއްގައި އެބޭފުުން ރުޅިވެސް އަތުވެދާނެއެވެ.

ނިމިދިޔަ ދައުރުގެ ކައުންސިލަރުންނަށް މި ގަސްބުޑުތަށް ހަމަ، ލޮލަށް ނުފެނުނީ ބާއެވެ؟ ނޫނެކެވެ. ޕާކަށް ވަންނަ ދޮރުމަތީ ހައެއްކަ އިންޗި އުސްމިނުގައި އިން ގަސްބުޑު މިކަމަށް ހެކިދެއެވެ. އެބޭފުޅުން ކުރިއަށް ދިޔައީ މިފަދަ ކުދިކުދި ކަންކަމަށްވެސް ފުރަގަސްދެމުންނެވެ. ކެމެރާތަކަށް ހިނިތުންވިއެވެ. އެބޭފުޅުންނަށް ކުރެވުނު މާބޮޑު ކަމެއް ނެތްކަން މިފަދަ ކުދި ކުދި ކަންކަމުން ހާމަވެއެވެ. މި ފަރުވާކުޑަކަމުގެ ސަބަބުން ބޮޑަށް އަނިޔާ ލިބުނީ އަޅުގަނޑުމެންގެ މުޖުތަމައުގެ މައުސޫމް ކުޑަކުދިންނަށެވެ.
މަދެއްކޮށެއް ނޫނެވެ. ބައިވަރު އެބަހުއްޓެވެ. ވަންނަ ދޮރުމަތީގަވެސް އެބަހުއްޓެވެ. އެ ގަސްބުޑުގައި އަޅިގަނެގެން، ދެން އަނިޔާވާނެ ކުއްޖެއްގެ އިންތިޒާރުގައެވެ. އެއީ ލޮލަށް ނުފެނި ދާނެ އެއްޗެއްސެއް ނޫނެވެ. އެކަމަކު، ތިޔައީ މާ މަތީ މަގާމެއްގައިހުރި ކައުންސިލަރެއްކަމުގައި އަމިއްލައަށް "ހީފުޅު" ކުރެވިއްޖެނަމަ، އެ ލޮލަށް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނިމިދިޔަ ދައުރުގެ ކައުންސިލަރުންނަށް، ރަސްމީ ޒިޔާރަތްތަކުގައިވެސް، އަދި ނުރަސްމީ ދުވަސްތަކުގައިވެސް، އެތައް ފަހަރެއްގެމަތިން އެތަނަށް ދެވިފައި ހުންނާނެތާއެވެ. އެކަމަކު އޭގެތެރެއިން އެންމެ ބޭފުޅަކުވެސް، އޭގެން ބުޑެއްގައި އަޅައިގެންފާ އަނގަވަތަށް ވެއްޓިފައި ނެތީތޯއްޗެކެވެ.
އަޅުގަނޑަށް މާފުކުރައްވާށެވެ. އަޅުގަނޑުމެންގެ ރަށްރަށުގައި ޒަމާނުއްސުރެ ތަކުރާރުވަމުން އަންނަ މިފަދަކަންކަން ކުރިޔަށްއޮތްތަނުގައިވެސް ތަކުރާރު ވަމުން ދިޔުމަށް ނޭދޭތީ، މިވާހަކަތައް މިގޮތަށް ލިޔުމަށް މަޖުބޫރުވަނީއެވެ. މީއީ ހަމައެކަނި މިރަށުގެ ހާލަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގެ ހާލަތެވެ. ވޭތުވެދިޔަ ދައުރުތަކުގެ ކައުންސިލަރުން ފެއިލްވީ ހަމައެކަނި ބޮޑެތި މައްސަލަތަކުގައެއް ނޫނެވެ. އެބޭފުޅުން ފެއިލްވީ ޙަޤީޤަތުގައިވެސް އެންމެ މުހިންމު އެންމެ ކުދިކުދި ކަންކަމުގައެވެ. ބޮޑެތިކަންކަން ހައްލުކުރެވޭނީ ފުރަތަމަ ކުދިކުދި ކަންކަމުން އަރައިގަނެވިގެންތާއެވެ.
ރަށުގެ އާންމު ސަރަހައްދުތަކުގައި، އަޅުގަނޑުމެންގެ ޅަ ދަރިންނަށާއި، އާންމުންނަށް ނުރައްކާވާނޭފަދައިން ހުރި ގަސްބުޑުތަކެއް ނުނެގުނު ބަޔަކަށް، ޙަޤީޤަތުގައި ކޮށްދެވޭނީ ކޮންކަމެއް ދެއްތޯއެވެ.
މިއީ ހަމައެކަނި ފަރުވާކުޑަވުމެއް ނޫނެވެ. މިއީ އާދައެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި، އިހުމާލުވުމުގެ ސަގާފަތް އޮތީ އެހާވެސް ފުންކޮށެވެ. އަޅުގަނޑުމެން ވޯޓުދީގެން ހޮވި މަންދޫބުންނަށް، އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިންނަށް ހުރި މިފަދަ ނުރައްކާތަކަށް، މުޅިން ފުރަގަސްދެވެނީ އެހެންވެގެންނެވެ. އެހާބޮޑަށް ފަރުވާކުޑަވުމަކީ، ހަމަގައިމުވެސް އިއްތިފާގަޤަކަށް ނުވާނެއެވެ.

މި ލިޔުމުގެ މަޤުސަދު، އަދި އަލަށް މަޤާމާއި ހަވާލުވި ކައުންސިލަރުންނަށް، ދޭން ބޭނުންވާ މެސެޖު:
އަލަށް މަޤާމާ ހަވާލުވި ކައުންސިލަރުންނަށް އޮތް ފުރަތަމަ އިމްތިޙާނަކީ މިއީއެވެ. މިއީ އުނދަގޫ ކަމެއް ނޫނެވެ. މިފަދަކަންކަމަކީ އެންމެ ފަސޭހަ އެންމެ ކުދިކުދި ކަންކަމެވެ. އެންމެ ބޮޑަށް ރައްޔިތުންގެ އިތުބާރާއި ލޯތްބާއި އެއްބާރުލުން، ލިބޭނޭފަދަ ކަންކަމެވެ. ރަށުތެރޭ ހިނގާލާ، ގޭގެއަށްވަދެލާ، އާންމު ސަރަހައްދުތައް ބައްލަވާ، މިފަދަ ނުރައްކާތައް ވަޒަންކުރައްވާށެވެ. ތިޔަބޭފުޅުންގެ ކުރިން ތިއްބެވި ބޭފުޅުން، ލޯފަންވެ، ކަންނެތްވެ، ނުވަތަ އެބޭފުޅުންގެ ކިބައިގައި ހުރި ކިބުރުވެރިކަމެއްގެ ސަބަބުން، ފާހަގަނުކުރެވި ހުރި މިފަދަ ކަންކަން ދެނެގަންނާށެވެ. ބައިވަރު ކަންކަން ފާހަގަ ވާނެއެވެ. އެކަންކަމަށް ފުރަގަސް ނުދީ ހައްލުކުރައްވާށެވެ. ސަބަބަކީ، ކުދިކުދި މައްސަލަތަކަށް ފުރަގަސްދީގެން ބޮޑެތި މައްސަލަތަކެއް ހައްލެއް ނުކުރެވޭނެއެވެ. މިފަދަ ކުދިކުދި ކަންކަން ހައްލުކުރާނެ ވިސްނުމާއި ބުއްދި ނެތްހާ ހިނދަކު، ރައްޔިތުންގެ އިތުބާރެއް ނުލިބޭނެއެވެ. އިތުބާރާއި ލޯބި ނުހޯދާ ވެރިކަމެއް ނުކުރެވޭނެއެވެ. އެންމެ މުހިންމީ ކުދިކުދި ކަންތައްތަކެވެ. ކުދިކުދި ކަންކަން ނުފެނުމާއި، އެއަށް ފިޔަވަޅު ނޭޅުމަކީ، ޙަޤީޤީ ވެރިންނާއި، ނާޤާބިލު ވެރިން ވަކިކޮށްދޭ ރަތް ރޮނގުކަން ހަނދާންކުރާށެވެ.




ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.