
ލިޔެލާޖެހުމުގެ ހިޔަނީގެ ފުރަގަހުގައި ފޮރުވި، މާޒީގެ ތެރެއަށް ގެއްލިފައިވާ އަގުހުރި ހުނަރުތައް!!
މިލިޔުން ކިޔާ ފަރާތްތަކަށް މި ލިޔުމުގެ ސުރުހީއާއި ގުޅުންހުރި މައުލޫމާތު ވީހާވެސް ފުރިހަމަ ގޮތެއްގައި، ތަފްސީލުކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ. މިލިޔުމުގެ މަޤްސަދަކީ އަތްތެރިމަސައްކަތްތަކުގެ ތަފާތު ދާއިރާތަކަށް، ރަށުގެ ޒުވާނުންގެ ހިތުގައި ލޯބި އުފެއްދުމާއި، ރަށުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޒުވާނުންނަށް ހިތްވަރުދިނުމެވެ. އަތްތެރި މަސައްކަތްތަކުގެ ތަފާތު ދާއިރާތަކުން ތުޅާދޫގައި ހުނަރުވެރި އެތައް ޒުވާނުންނެއް އެބަތިއްބެވެ.
ހަގީގަތުގައި، ތާރީޚަށް ބަލާއިރުވެސް، ތުޅާދޫއަކީ ހަމައެކަނި ލިޔެލާޖެހުމުގެ މަސައްކަތަށް މަޝްހޫރު ރަށެއް ނޫނެވެ. އެއާ އެއްވަރަށް މުހިންމު އެހެން އެތައް ދާއިރާތަކެއްވެސް އެބަހުއްޓެވެ. ތުޅާދޫގެ ލިޔެލާޖެހި އުފެއްދުންތަކުގައި، މައިގަނޑުގޮތެއްގައި ހުންްނަ ކަޅާއި، ރަތާއި، ރީނދޫ ކުލައިގެ ކުރެހުންތަކަކީ، ކޮންމެ ދިވެއްސެއްގެ ހިތުންވެސް ޚާއްޞަ ޖާގައެއް ހޯދާފައިވާ މަސައްކަތެކެވެ. މިއީ ޝައްކެއްވެސް ނެތްގޮތުގައި ތުޅާދޫގައި އެންމެ މަޝްހޫރު މަސައްކަތެވެ. އެތައް ސަތޭކަ އަހަރެއް ވަންދެން މި ފަންނު އަޅުގަނޑުމެންގެ މުޖުތަމައުގައި ދެމިއޮތީ، ބަފައިންގެ ފަރާތުން ދަރިންނަށް، އަދި އެދުރުންގެ ފަރާތުން ދަރިވަރުންނަށް ވާރުތަވަމުންނެވެ.
ތުޅާދޫގެ ފޯކްލޯރާއި، އަޅުގަނޑުމެންގެ ކާބޯތަކެތީގެ ސަގާފަތާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި، ލިޔެލާޖެހުމުގެ ފަންނާއި އެއްވަރަށް މުހިންމު އަދި އަގުހުރި އެތައް މަސައްކަތްތެރިކަމެއް އޮތެވެ. މިހާރު މި މަސައްކަތްތައް އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާއިރު، މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ދަސްކޮށްދެނީ ހަމައެކަނި ލިޔެލާޖެހުންކަމުގައި ހަދައިފިނަމަ ތުޅާދޫގެ ކާބަފައިން "ކަރުނައަޅާ ރޯނެ" ކަން ޔަގީނެވެ.

ހިރިގަލު ވަޑާން—މިސްކިތްތަކާއި މަގްބަރާތަކުގެ ކުރެހުން.
ހިރިގައު ކަނޑައިނެގުމަކީ އަޅުގަނޑުމެންގެ ތާރީޚުން އެންމެ ފާހަގަކޮށްލެވޭ އެއް ފަންނެވެ. ތުޅާދޫއަކީ ލިޔެލާޖެހުމުގެ އުފަންބިމުގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މިރަށުގެ އަތްތެރި މަސައްކަތްތެރިންނަކީ ހިރިގަލުގެ ބިނާތައް ބިނާކުރުމުގެ ފަންނީ ހުނަރުވެސް ލިބިގެންވީ ބައެއްކަން ތާރީޚު ހެކިދެއެވެ. ތުޅާދޫގެ ފަންނުވެރިންނަކީ ހަރު ހިރިގައު (މުޑުހިރި) ކޮށައި، މަހާނަގާތަކާއި މިސްކިތްތަކުގެ ފާރުތަކުގައި ހައިރާންކުރުވަނިވި "ޖިއޮމެޓްރިކް" ކުރެހުންތައް ކަނޑާނެގި މާހިރުންނެވެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ އަދި ސަގާފީ ބިނާވެށީގެ ތެރޭގައި ފޮރުވިފައިވާ، ތުޅާދޫގެ އެންމެ އަގުހުރި ތާރީޚީ ސޮޔެވެ. ތުޅާދޫގެ ފަންނުވެރިންގެ ގަލުވަޑާމުގެ މަސައްކަތް އެހެން ރަށްރަށުގެ މަސައްކަތްތަކާ ތަފާތުވާ މައިގަނޑު ސަބަބަކީ، ލިޔެލާޖެހުމުގައި ބޭނުންކުރާ މާފަތިތަކާއި ފަތްޕިލާވެލީގެ ބައްޓަންއެޅި ކުރެހުންތައް ހަރު ހިލައިގެ މައްޗަށް ބަދަލުކޮށްލާފައިވުމެވެ. ތުޅާދޫގައި، ހިރިގަލުން ބޮމަކަނދުގައި ލިޔުމުގެ މަސައްކަތް ކުރި މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ދިވެހިރާއްޖެއިން ފެންނަން ހުރި، އަދި ވަކިން ޚާޢްޞަކޮށް މާލެއިން ފެންނަން ހުރި އާސާރީ ބިނާތަކަކީ ހިރިގަލުގެ މިސްކިތްތަކަށްވާއިރު، އެފަދަ ކޮންމެ ބިނާއަކީ ލިޔެލާޖަހައި ލާފެންކުރުމުގެ ފަންނުވެރި މަސައްކަތް ފެންނަން ހުރި ބިނާއެކެވެ. އަދި ރ އަތޮޅު މީދޫގައި ހުރި 300 އަހަރުވީ ހުކުރު މިސްކިތުގެ ހިރިގަލުގެ ތަނބުތަކާއި އެތެރެގެ މަރާމާތުކުރުމުގައި، 1900 ގެ ކުރީކޮޅުގެ އަހަރުތަކުގައި ތުޅާދޫގެ ފަންނުވެރިން ބައިވެރިވެފައިވުން މިކަމަށް ހެކިދެއެވެ. މިއިން ދޭހަކޮށްދެނީ ތުޅާދޫގެ މަސައްކަތްތެރިންގެ ކިބައިގައި ހިރިގަލުގެ ބިނާވެށީގެ ހުނަރާއި މައުލޫމާތު ހުރިކަމެވެ. ނަމަވެސް، މިރަށުގެ އަމިއްލަ ހިރިގަލުގެ ތަރިކަ—އޭގެ ތެރޭގައި، މިހާރުގެ މެޖިސްޓްރޭޓް ކޯޓު ހުރި ބިމުގައި ކުރިންހުރި، ގަދީމީ ހުކުރު މިސްކިތާއި، މިހާރުގެ މަސްޖިދުއް ރަޙްމާން ހުރިބިމުގައި ހުރި، 1983 ގައި ތަޅާލެވުނު ހުކުރު މިސްކިތާއި، މަގާންދޮށު ޒިޔާރަތް ފަދަ ޒިޔާރަތްތަކާއި، 1936 ގައި ބިނާކުރި މަދަރުސާގެ އިމާރާތް ހިމެނޭހެން—1960 އާއި 1980 ގެ އަހަރުތަކާ ދެމެދު ވަނީ އެއްކޮށް ތަޅާލާ ނައްތާލާފައެވެ. އެހެންކަމުން މިއަދު އެ ބިނާތަކުގެ އެއްވެސް މާއްދީ ނިޝާނެއް މިރަށުން ފެންނާކަށް ނެތެވެ.

ހަނު — އަތްތެރި މަސައްކަތްތަކަށް ތޫނުކަން ގެނުވި އާލަތް.
ހަނަކީ ވަޅި، ފުރޯ ވަޑާންކަށިފަދަ ތަކެތި ފަރުވާތެރިކަމާއެކު ތޫނުކުރުމަށް ބޭނުންކުރި އާލާތެކެވެ. މިއީ ދެ މީހުން އެކުގައި ހިންގަންޖެހޭ އެއްޗެކެވެ. ލާޖެހުމުގެ މަސައްކަތާއި ހިރިގަލުގެ ބިނާތައް އާބާދުކުރުމުގެ ފަންނަށް ތުޅާދޫގެ މަސައްކަތްތެރިން މަޝްހޫރުވެފައިވާއިރު، މި ހަނު ވެގެންދިޔައީ އެހެން ހުރިހާ ފަންނުތަކެއް ދިރުވައިދިން އެންމެ މުހިންމު އަސާސީ ވަސީލަތަށެވެ. ތުޅާދޫ އަކީ ހަނު އަމިއްލައަށް އުފައްދާ ބޭނުންކުރި ރަށެއްކަން ތާރީޚުން ސާބިތުވެއެވެ.

ކަސަބު ބޯވަޅު ގެތުމުގެ ފަންނު.
ދިވެހި ލިބާހުގެ އަސްލު ޒީނަތްތެރިކަން ފެންނަ ކަސަބު ބޯވަޅު ފަރުމާކޮށްފައި ހުންނަނީ ރަނާއި ރިހީގެ ރޮދިންނާއި، ފަށުވި ރޮދިންނާއި، ރީތި ކުލަކުލައިގެ ރޮދި ބޭނުންކޮށްގެންނެވެ. ކަސަބު ބޯވަޅެއް ގެތުމަށްޓަކައި އެންމެ އަސާސީ ގޮތުން ބޭނުންވާ އެއް އާލާތަކީ ގަތާފައެވެ. ގަތާފަޔަކީ ކަސަބު ރޮދިތައް އޮޅައި، ތަރުތީބުކޮށް، ގެތުމުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ، ލިޔެލާޖަހާ ވަރަށްރީތިކޮށް ހަދާފައި ހުންނަ ހާއްސަ ވަސީލަތެކެވެ. މިއިން އެނގެނީ ލިޔެލާޖެހުމާއި ކަސަބު ބޯވަޅު ވިޔުމުގެ މަސައްކަތާ އޮތް ފުން ގުޅުމެވެ. މިއަދު ކަސަބު ބޯވަޅު ވިޔަން އެނގޭ މީހުންގެ އަދަދު ވަނީ މަދުވެ، ހުސްވުމާ ގާތްވެފައެވެ. މި މަސައްކަތަކީ މިޒަމާނުގައިވެސް އިންތިހާއަށް އާމްދަނީ ލިބެނެފަދަ މަސައްކަތަކަށް ވީއިރުވެސް، މި ރަށުގެ ޒުވާން އަންހެން ކުދިންގެ ތެރެއިން، މި ފަންނުގެ މައުލޫމާތާއި ހުނަރު ހޯދަންބޭނުންވާ ކުދިންނަށް މި ހުނަރު ދަސްކޮށްދޭނެ ނިޒާމީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެންނާކަށް ނެތެވެ.

ކިއްސަރު ވަޑާން— ކަނޑުގެ މާހިރުން.
ތުޅާދޫއަކީ، އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައިވެސް ވަރަށް ފުން އަދި މުހިންމު ތާރީހެއް އޮތް ރަށެކެވެ. ތާރީހީ އަދި ސަގާފީ ލިޔެކިޔުންތަކުން އެނގޭގޮތުގައި، ތުޅާދޫގައި ޖީލުން ޖީލަށް ވާރުތަވަމުން އައި ފަންނުތަކުގެ ތެރޭގައި، ދޯނިފަހަރު ބަނުމާއި މަރާމާތުކުރުމުގެ ވަރުގަދަ ސަގާފަތެއް އޮވެއެވެ. މާވަޑިންނަކީ އޮޑިދޯނިފަހަރު ބަނދެދޭ މާހިރުންނެވެ. މިހާރު މުޅި ރާއްޖޭގައިވެސް، އިހުގެ އޮޑިދޯނިފަހަރު ބަންނަ މީހުންނާއި ކުދި ދޯނިފަހަރު ބަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އޭރުގެ މާވަޑިން ދޯނިފަހަރު ބަނދެއުޅުނީ އެއްވެސް ކުރެހުމެއް (ބްލޫޕްރިންޓެއް) ނެތިއެވެ. އެމީހުން ބަރޯސާވީ ހަމައެކަނި އަމިއްލަ ވިސްނުމަށާއި، ޖީލުތަކުން ވާރުތަވަމުންއައި ތުންތުންމަތީގެ އިލްމަށެވެ. މާވަޑިންގެ ކުޅަދާނަކަން ހުރީ ކަނޑުގެ ރާޅުތަކުގެ ބައްޓަން ދެނެގަތުމަށާއި، އެއް ލަކުޑިގަނޑު އަނެއް ލަކުޑިގަނޑުގެ ކިއްސަރާ ގުޅުވާލުމަށާއި، ހަމައެކަނި ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން ކަނޑަށް ހެޔޮ އުޅަނދުފަހަރު އުފެއްދުމަށެވެ. ތުޅާދޫގެ އޮޑިވެރިންނަކީ މިކަމުގައި ވަރަށް މަޝްހޫރު ބައެކެވެ.

ރޯނުވެށުން — ދޯނިފަހަރުގައި ލަކުޑި ފައްތަރުކުރުން.
ތުޅާދޫގެ ތާރީޚަށް ބަލާއިރު، މި މަސައްކަތަކީ މި ރަށުގެ މަޝްހޫރު ވަޑިންނާއި އެއްވަރަށް، ރަށުގެ ދިރުމާ ގުޅިފައިވި މުހިންމު މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރާއި އިޤްތިޞާދުގެ އެންމެ ވަރުގަދަ އެއް ތަނބަކީ ރޯނު ވެށުމުގެ މަސައްކަތެވެ. ކުރީގެ ބަނޑުދޯނިފަހަރަކީ "އޯގަނިކް އިންޖިނިއަރިން" ގެ ފުރިހަމަ ލާމަސީލު މިސާލެކެވެ. މާވަޑިކަލޭގެ ލަކުޑި ފަތިތައް ކަނޑައި ފައްތަރު ކުރި ނަމަވެސް، ދޯނީގެ ބާރު ހިފަހައްޓައިދެނީ ރަށުގެ އަންހެންވެރިންގެ ބުރަ މަސައްކަތުން އުފައްދާ ވަރުގަދަ ފަލަ ރޯނުންނެވެ. ރޯނު ވެށުމުގެ ބުރަ އަދި ހުނަރުވެރި މަސައްކަތް ފެށިގެން އަންނަނީ ބޮނބި ފާކުރުމުންނެވެ. ބޮނބި ފާކުރުމަށްޓަކައި ތުޅާދޫމީހުން އާންމުގޮތެއްގައި ބޮނބިވަޅުލާ އުޅުނީ "ފެހިގަނޑު" މަތީގައެވެ. ރޯނު ވެށުމުގެ ފަންނު ފަނޑުވެގެންދިޔައީ ރާއްޖެއަށް އައި ޒަމާނީ ތަރައްޤީއާއެކުގައެވެ. ބޭރުން އެތެރެކުރި ކޮޕަރ މޮހޮރާއި، ކަބީލާއާއި، ފައިބަރގްލާސް އޮޑިދޯނިފަހަރާއި، އަދި އިންޖީނުލީ އުޅަނދުތައް ތަޢާރަފުވުމުން، އޮޑިދޯނިފަހަރު ބަނުމުގައި ރޯނުގެ ބޭނުން ކެނޑުނެވެ. މިއަދު ފަތުރުވެރިންނާއި ސަގާފީ މާހިރުން ތުޅާދޫއަށް ބަލާލާއިރު ފެންނަނީ ލިޔެލާޖެހި ތަކެތީގެ ރީތި ކުލަތަކެވެ. ލިޔެލާޖެހުން ޓޫރިޒަމާ ގުޅި، ހަނދާނީ ހަދިޔާއަކަށް ބަދަލުވިއިރު، ރޯނު ވެށުމަކީ ހަމައެކަނި އާދައިގެ ކަމެއްގެ ގޮތުގައި ބެލެވި، މުސްކުޅިވަމުންދާ ޖީލާއެކު ނެތިގެން ދިޔައީއެވެ.

ބޮޑުބެރު — ދިވެހިންގެ ރޫޙާ ގުޅިފައިވާ އަޑު.
ބޮޑުބެރަކީ ހަމައެކަނި މިއުޒިކެއް ނޫނެވެ. އެއީ ދިވެހިވަންތަކަމުގެ ވިންދެވެ. ތުޅާދޫއަކީ ލިޔެލާޖެހުމުގެ ފަންނުގައި މުޅި ދުނިޔެއަށް މަޝްހޫރު ރަށަކަށް ވީނަމަވެސް، މި ރަށާއި ބޮޑުބެރު ހެދުމުގެ ސަގާފަތާ އޮތް މުހިންމު ގުޅުން ވަނީ ވީނުވީއެއްވެސް ނޭނގި، ގެއްލިފައެވެ. އަޞްލު ބޮޑުބެރެއް ހެދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ ހަދަނީ ރުކުގެ ލަކުޑިންނެވެ. އެއީ ވަރަށް ރާޅު، އަދި މަސައްކަތް ކުރަން އުނދަގޫ ލަކުޑިއެކެވެ. ކުރީ ޒަމާނުގައި ބެރު ހެދުމަށް މަޑި ހަން ބޭނުންކުރި ނަމަވެސް، މިހާރު ޢާންމުކޮށް ބޭނުންކުރަނީ ބަކަރި ނުވަތަ ފުއްލާ ހަމެވެ. ބޮޑުބެރުގެ އޮނިގަނޑު ހެދުމަށް ބޭނުންވާ، މައިގަނޑު ހުނަރުތަކަކީ ތުޅާދޫ މީހުންގެ ލޭގައި ހިނގާ ހުނަރުތަކެވެ. ލަކުޑިީގެ އެތެރެ ކޮނެ ބައްޓަންކުރުމަކީ ތުޅާދޫގެ މާވަޑިންގެ އެންމެ ޚާއްޞަ އެއް ހުނަރެވެ. ބެރުގެ ބޭރުގައި ރަތާއި، ރީނދޫ އަދި ކަޅު ކުލައިން ކުރެހުން އެޅުމަކީ ތުޅާދޫ މީހުންނަށްވުރެ ވަކި މޮޅަށް ކުރެވޭނެ ބައެއް ނެތް، މަސައްކަތެކެވެ. އެހެންނަމަވެސް، މި ރަށުގެ ފަންނުވެރިކަން މިއަދު އަމާޒުހިފާފައިވަނީ ފަތުރުވެރިންނަށް ވިއްކާ ކުދިކުދި ލިޔެލާޖެހި ތަކެއްޗަށެވެ. މާޖަހާ ވާސް އާއި، ކުރަނޑިއާއި، ލިޔެލާޖެހި ގަލަން ފަދަ ތަކެތި ހެދުމަށް އިސްކަންދެވުނުއިރު، މަސައްކަތް ބުރަ، ބޮޑެތި ބެރުތައް ހެދުމުގެ މަސައްކަތް ވަނީ ހަނދާން ނައްތާލެވިފައެވެ. މިއަދު މުޅި ރާއްޖޭގައިވެސް، ރުއް ލަކުޑިން އަޞްލު ބޮޑުބެރު ހަދަން ދަންނަ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ތުޅާދޫއަކީ މި ފަންނު ދިރުވައި، އާލާކުރެވިދާނެ އެންމެ މުހިންމު މަރުކަޒެވެ. މިރަށުގައި މިހާރުގެ ޒަމާނީ ވަޞީލަތްތަކާއި އުސްތާޛުން އެބަތިއްބެވެ. ނަމަވެސް، މިކަން ޤަބޫލުކޮށް، "ބެރު ހެދުމުގެ ފަންނު" ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ނުދީފިނަމަ، ދިވެހިންގެ "ރޫޙު" އެއްޖީލުން އަނެއްޖީލަށް އުފުލައިދޭ މި އާލާތް ހެދުމުގެ ޢިލްމު މުޅިން ގެއްލިގެން ހިނގައިދާނެއެވެ.

ކަނބުރުވެރިކަން — އަމިއްލަ ފަސްގަނޑަށްޓަކައި ފައްކާކުރި ހުނަރެއް.
ތުޅާދޫގެ ލިޔެލާޖެހުމުގެ މުއްސަނދި ތާރީޚަށް ބަލާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ އޭގެ ރީތި ކުލަތަކަށެވެ. ނަމަވެސް، އެ ފުރިހަމަ އުފެއްދުންތައް ވުޖޫދަށް ގެނައުމަށްޓަކައި ރަށުގެ ފަންނުވެރިން ކުރި ކަނބުރުވެރިކަމުގެ ބުރަ މަސައްކަތަކީ މިއަދު ފަރުދާގެ ފުރަގަހަށް ގޮސްފައިވާ ކަމެކެވެ. ތުޅާދޫގެ ވަޑިންނަކީ ހަމައެކަނި ލަކުޑި ކޮށާ މަށާ ބައެއް ނޫނެވެ. އެއީ ދަގަނޑު ތަޅާ، ދިލަ އަލިފާނުގެ ތެރެއިން އަމިއްލަ މަސައްކަތަށް ބޭނުންވާ ތޫނު އާލާތްތަކާއި ކަނދުތައް (Chisels and Gouges) އަމިއްލައަށް އުފެއްދި މާހިރުންނެވެ. އެމީހުން ބޭނުންކުރީ އެކި ގޮތްގޮތުން ލިބޭ ބޭނުންނުކުރާ ދަގަނޑެވެ. ނާއްޓާއި ހަރު ލަކުޑި ފަދަ ތަކެތި ކޮށާ މެށުމަށްޓަކައި، އާދައިގެ ވަޅިއެއް ނުވަތަ ކަތުރެއް ކަމަކު ނުދާނެއެވެ. ތުޅާދޫގެ ކަނބުރުވެރިން ވަނީ މިކަމަށް ޚާއްޞަ ހުނަރުވެސް ތަރައްޤީކޮށްފައެވެ. ހަރު ނާށި ކޮށާއިރުވެސް، ސީދާކޮށް ކަނޑާލެވޭނެ މިންވަރަށެވެ. އެކި ގޮތްގޮތުން ހޯދާ ދަގަނޑު، އަމިއްލައަށް ތައްޔާރުކުރާ އުނދުންތަކުގެ ގަދަ ގިނީގައި ދޮންކުރުމަށްފަހު، މަރުތޭލުން ތަޅައިގެން ބައްޓަންކުރެއެވެ. އަދި ދަގަނޑުގެ ހަރުކަން ހިފެހެއްޓުމަށްޓަކައި، ރަނގަޅު ހޫނުމިނެއްގައި ދޮންކުރުމަށްފަހު ވަގުތުން ފެނަށް ނުވަތަ ތެލަށްލައި ފިނިކޮށް އެއަށް ފަންވަރު ގެނެއެވެ. މި ގޮތަށް ފައްކާކުރާ އާލާތްތަކަކީ ކިތަންމެ ހަރު ލަކުޑިއެއްގައި ޖެހުނަސް، އޭގެ މިޔަ ނުކެނޑޭނެ ފަދަ ފަންވަރުހުރި ވަރުގަދަ އާލާތްތަކެކެވެ. މިއަދު ބާޒާރުން ފަސޭހައިން ތައްޔާރީ ތޫނު އާލާތްތަކާއި ކަރަންޓު މެޝިންތައް ގަންނަން ލިބެން ހުރެއެވެ. މީގެ ސަބަބުން މަސައްކަތް އަވަސްވެ، ލުއިވި ނަމަވެސް، އަމިއްލައަށް ދަގަނޑު ފައްކާކޮށްގެން އާލާތްތައް ހެދުމުގެ އަގުހުރި ހުނަރު މިއަދު މިވަނީ ރަށުން މުޅިންހެން ފަނޑުވެގެން ގޮސްފައެވެ. ތުޅާދޫގެ ތާރީޚަކީ ހަމައެކަނި ރީތި ކުރަނޑިތަކާއި، މަލާފަތްތަކުގެ ތާރީޚެއް ނޫނެވެ. އެއީ އަލިފާނުގެ ހޫނުގައި، ދާއޮހޮރައިގެން، ދަގަނޑާއި ލަކުޑި ފަދަ، ހަތުރުން މިތުރުންނަށް ހެދި، ހިތްވަރުގަދަ ކާބަފައިންގެ ތާރީޚެކެވެ. މި ސަގާފަތް ހަނދާންކުރަން ބޭނުންވަނީ، ތުޅާދޫގެ ފަންނުވެރިކަން، އަސްލު ބިނާވެފައިވަނީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ރޫޙެއްގެ މަތީގައިކަން އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދިނުމަށެވެ.

"ރިޔާ ކެނޑުން — ކަނޑުގެ "ޖިއޮމެޓްރީ.
ތުޅާދޫގެ އޮޑިވެރިކަމުގެ ފުން ތާރީޚުގެ ތެރޭގައި، ކަނޑުގެ ގަދަ ވައިގެ ބާރު ހިފަހައްޓައިދިން މުހިންމު ފަންނެއް ފޮރުވިފައިވެއެވެ. އެއީ އޮޑިދޯނިފަހަރަށް ބޭނުންވާ ބަރު، ބޯ ފޮތީގެ ރިޔާ ކަނޑައި، ފެހުމުގެ މުހިންމު ހުނަރެވެ. މިއީ އޮޑިދޯނިފަހަރުގެ ކުޑަބޮޑުމިނާއި، ވައިގެ މިސްރާބާއި، ހިސާބުއަކުރުތަކަށް ބިނާވެފައި އޮތް "ކަނޑުމަތީގެ ޖިއޮމެޓްރީ" އެކެވެ. އޭރު ތުޅާދޫގައި އޮޑިދޯނިފަހަރު ބަންނަ ޢާއިލާތަކަކީ ހަމައެކަނި ލަކުޑީގެ މަސައްކަތް ކުރި ބައެއް ނޫނެވެ. އެމީހުންގެ ކިބައިގައި މި ދެންނެވި ރިޔާ ފެހުމުގެ ޚާއްޞަ ޢިލްމުވެސް ވާރުތަވަމުން އައެވެ. ތުޅާދޫގެ ތާރީޚުން އެނގެނީ އޭރު މި ރަށުގައި އޮޑިވެރިކަމުގެ މުޅި ނިޒާމު އޮތީ އަމިއްލަ ފައިމަތީގައި ކަމެވެ. ފިރިހެނުން ދޯނީގެ ބަނޑު ފަތިތައް ބަންނަމުންދާއިރު، އަންހެނުން ބޮނބި ފާކޮށް ރޯނު ވެށުމާއި، އަދި ޢާއިލާތަކުން ގުޅިގެން ރިޔާ ކަނޑައި ފެހުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި ހުރިހާ މަސައްކަތެއް އެއްވުމުން ނޫނީ ކަނޑަށް ފުރާނެ އުޅަނދެއް ތައްޔާރެއް ނުވެއެވެ. އެހެންކަމުން، ބަންނަ އޮޑީގެ ކުޑަބޮޑު މިނަށް ފެތޭ، ރިޔާ ފެހުމުގެ "ޖިއޮމެޓްރީ"އަކީ ތުޅާދޫގެ ކަނޑުގެ ދަތުރުފަތުރާއި ވިޔަފާރީގެ މައިބަދައެވެ. ޒަމާނީ އިންޖީނުތައް ތަޢާރަފުވެ، ރިޔަލުގެ ބޭނުން ކެނޑުމާއެކު، މި އަގުހުރި ސައިންސު ޢިލްމު މިއަދު މިވަނީ ތުޅާދޫއިންނާއި މުޅި ރާއްޖެއިން މުޅިން ކެނޑިގެން ގޮސްފައެވެ. ރިޔާ ކަނޑަން އެނގޭ، ވައިގެ ބާރު ދެނެގަންނަން އެނގޭ މުސްކުޅި ޖީލު މިއަދު ދުނިޔެ ދޫކުރަމުންދާއިރު، އެ ހުނަރު އާ ޖީލަށް ވާރުތައެއް ނުވިއެވެ.

ކާބޯތަކެތި ރައްކާތެރިކުރުން — ސިއްހަތު ރައްކާތެރިކޮށްދޭ ވަސީލިތެއްގެ ގޮތުގައި ލާ.
ތުޅާދޫގެ ލިޔެލާޖެހުމުގެ މުއްސަނދި ތާރީޚުގެ ވާހަކަ ދައްކާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ އޭގެ ބޭރުން ފެންނަ ރީތި ކުލަތަކަށާއި ޝާހީ ސިފައަށެވެ. ނަމަވެސް، މި ތާރީޚީ ފަންނުގެ އަސްލު ބިނާވެފައިވަނީ ހަމައެކަނި ރީތިކަމެއް ދައްކާލުމުގެ މައްޗަކަށް ނޫނެވެ. ލަކުޑި ތަށިތަކާއި، ކުރަނޑިތަކާއި، މަލާފަތްތަކުގައި ލާޖެހުމަކީ އިހުގެ ދިވެހިންގެ ދިރިއުޅުމާއި، ޚާއްޞަކޮށް ކާބޯތަކެތި ރައްކާތެރިކުރުމަށް (Food Preservation) ބޭނުންކުރި މުހިންމު ސަގާފީ ޓެކްނޮލޮޖީއެކެވެ. މިއީ ޕްލާސްޓިކް ތަށިތަކާއި "ޓަޕަވެއަރ" (Tupperware) ދުނިޔެއަށް އުފަންވުމުގެ އެތައް ޤަރުނެއް ކުރިން، ތުޅާދޫގެ ކާބަފައިން އަމިއްލައަށް ހޯދި، ސިއްހީ ރައްކާތެރިކަމުގެ ބިންގަލެކެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ތުޅާދޫގެ ވަޑިން މި ހުނަރު ތަރައްޤީކުރީ ރަށުގެ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށްގެންނެވެ. ދިވެހިރާއްޖެއަކީ ހޫނުގަދަ، އަދި ވައިގެ ތެރޭގައި ތެތްކަން (Humidity) ނުހަނު ގަދަ ޖަޒީރާ ޤައުމެކެވެ. މިފަދަ މާޙައުލެއްގައި އާދައިގެ ލަކުޑި ތަށިތަކުގައި ކާބޯތަކެތި ބެހެއްޓުމުން، ލަކުޑީގެ ތެރެއަށް ލޮނާއި ފެނުގެ އަސަރު ވަދެ، ފަންގަސް (Fungus) ޖަހައި، ތަކެތި އަވަހަށް ހަލާކުވެއެވެ. ލަކުޑި ތަށީގެ ބޭރުގައާއި އެތެރޭގައި ލާގެ ބޯ ފަށަލައެއް ޖެހުމުން، ލަކުޑީގައި ހުންނަ ކުދި ލޯވަޅުތައް މުޅިން ބަންދުވެއެވެ. މިއީ ވައާއި ތެތްކަން އެތެރެއަށް ވަނުން ހުއްޓުވައިދޭ (Airtight Seal) ސީލްއެކެވެ. ލިޔެލާޖެހި ލަކުޑި ތަށިތަކާއި، ކުރަނޑިތަކާއި، މަލާފަތްތަކަކީ ހަމައެކަނި ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް ފޮނުވި ހަދިޔާއެއް ނޫނެވެ. އެއީ ރަށުގެ ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށްދިން މުހިންމު ސަގާފީ އީޖާދެކެވެ. މިއަދު އައިސް އަލަމާރިއާއި، ޕްލާސްޓިކް ކޮންޓެއިނަރ ތައް ތަޢާރަފުވުމާއިއެކު، ލިޔެލާޖެހި ތަކެތީގެ މި އަގުހުރި "ބޭނުންތެރިކަން" ވަނީ ހަނދާން ނެތިފައެވެ. މިހާރު ލިޔެލާޖެހި ތަކެތި ބެލެވެނީ ހަމައެކަނި ޝޯކޭސްތަކުގައި ބަހައްޓާ ޒީނަތްތެރި ސުވެނިއާއެއްގެ ގޮތުގައެވެ. ނަމަވެސް، ތުޅާދޫގެ ތާރީޚުގެ އަސްލު ދެނެގަތުމަށްޓަކައި، ކާބަފައިންގެ މި ޢިލްމަކީ ތިމާވެއްޓާ ރައްޓެހި، އަދި ދިރިއުޅުމުގެ ސަލާމަތްތެރިކަމާ ގުޅިފައި އޮތް ކަމެއްކަން ހަނދާންކުރަންޖެހެއެވެ.
------------------------------

ޝައްކެއްވެސްނެތް ގޮތުގައި، ތުޅާދޫގެ ތާރީޚުގެ ތެރޭގައި މިފަތަ އެތައް ހުނަރަކާއި އެތައް ޢިލްމެއް ފޮރުވިފައި ވާނެއެވެ. ހިތުގައި އުފެދޭ ސުވާލަކީ، މިއަދު، އަޅުގަނޑުމެންގެ ޒުވާނުންނަށް މި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު އެބައޮތްތޯއެވެ؟ އަޅުގަނޑުމެންގެ ވެރިންނަށް މި މުޖުތަމައުން މި ހުނަރުތައް އުނގަންނައިދޭނެ އެއްވެސް މަގެއް ދައްކައިދެވޭ ތޯއެވެ؟ އެ ވެރިންގެ ސިކުނޑީގައި މިފަދަ ވިސްނުންތައް އެބަހުރިތޯއެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެންގެ ކާބަފައިން މި ހުނަރުތައް ދަސްކޮށްދިނީ ރަށުގެ ރޫހު ހިފެހެއްޓުމަށެވެ. އެމީހުން އެކަން ކުރީ ތުޅާދޫގެ ދިރުން ދެމެހެއްޓުމަށެވެ. އެހެންވީއިރު، މިއަދު އަޅުގަނޑުމެންގެ ޒުވާނުންނަށް މި ހުނަރުތައް އުނގަންނައި ނުދެވެންވީ، ކީއްވެގެންތޯއެވެ؟
އަޅުގަނޑުމެން މައުރަޒުތަކުގެ ވާހަކަ އެބަދައްކަމުއެވެ. އަމިއްލަ މަސައްކަތްތެރިކަމުގެ ވާހަކަ އެބަދައްކަމުއެވެ. އުފެއްދުންތައް އިތުރުކުރުމުގެ ވާހަކަ އެބަ ދައްކަމުއެވެ. ނަމަވެސް، އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަންގައިދިން އިލްމުތައް ރައްކާތެރިކުރުމުގެ ވާހަކައެއް ނުދައްކަމުއެވެ. ހިރިގަލުން ކުރެހުން ކަނޑައި، މަސައްކަތްތައް ކުރުމަށް އަމިއްލަ ހަތިޔާރު އުފައްދާ، ކުރެހުމެއްނެތި އޮޑިދޯނިފަހަރު ބަނދެ، ކާބަފައިން އުފެއްދި އާލާތްތައް ބޭނުންކޮށްގެން ލަކުޑި ކޮށާމަށަން، ދަސްކުރެވިދާނެ ޒުވާން އަތްތަކުގެ ވާހަކައެއް މާބޮޑަކަށް އަޅުގަނޑުމެން ނުދައްކަމުއެވެ. މިވާހަކަތައް ނުދައްކާ، ހަނދާން ވެސް ނައްތާލައިގެން ތިބުން މިއީ މި މުޖުތަމައުއަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ނޫންތޯއެވެ؟
މިއީ ތުޅާދޫގެ ރައްޔިތުންނަށް ހާއްސަކޮށް، އިސްރަށްވެހިންނަށާއި، ޒުވާނުންނަށާއި، ވެރިންނަށާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހުވަފެންތައް ދެކޭ މީހުންނަށް ގޮވާލާ ގޮވާލުމެކެވެ. އަޅުގަނޑުމެންގެ ރަށުގެ ތަރިކައަކީ ހަމައެކަނި ލިޔެލާޖެހުމެއް ނޫނެވެ. އެއީ އެތައް ހުނަރަކާއި، އެތައް ވާހަކަތަކަކާއި، އެތައް ބައެއްގެ އަތްތަކުން ލިޔެވި، ވިޔެވިފައިވާ މުއްސަނދި، ދިރުންހުރި ސަގާފަތެކެވެ. އެ ސަގާފަތް ނެތިގެންދިޔަ ނުދެއްވާށެވެ. އަޅުގަނޑުމެން އުނގަންނައިދެމާ ހިނގާށެވެ. އަޅުގަނޑުމެން ދަސްކުރަމާ ހިނގާށެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ތަރިކަ ރައްކާތެރިކުރަމާ ހިނގާށެވެ.


ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.