
މި ފޮޓޯއަކީ އަސްލެއް ނޫން! ހިޔާލީ ތަސްވީރެއް! ތިބާގެ ވިސްނުމުގައިހުރި، މިފަދަ ހިޔާލުތައް، ފަންނުވެރިންނާ ހިއްސާކުރުމަކީވެސް، އުފެއްދުންތެރި މުޖުތަމައުއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް!
ލިޔެލާޖެހުމާއި އަތްތެރިމަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޝަކުވާތަކާއި، އަލަށް ހޮވުނު ކައުންސިލްގެ ކިބައިން ކުރާ އުންމީދުތައް!
މި ލިޔުމުގައި އަލިއަޅުވާލާފައި ވާނީ، މިއަހަރުގެ އޮކްޓޯބަރު މަހު ބާއްވާ "ބިޒްނަސް އެކްސްޕޯ 2026" އާ ގުޅޭގޮތުން، ރަށުގެ މަސައްކަތްތެރިންނާ މަޝްވަރާކުރުމަށް، އަލަށް އިންތިޚާބުވި ކައުންސިލުން، 20 މޭ 2026 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށެވެ. ރަށުގެ އަތްތެރި މަސައްކަތްތެރިންނާއި، ލިޔެލާޖަހާ މީހުން އަދި ބައެއް ވަޑިން ބައިވެރިވި މި ބައްދަލުވުމުގައި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ހުރި ޝަކުވާތައް ވަނީ ހިއްސާކޮށްފައެވެ.
ދިވެހިރާއްޖޭގެ ސަގާފީ އަތްތެރި މަސައްކަތްތަކުގެ ތެރެއިން، ބ އަތޮޅު ތުޅާދޫގެ ލިޔެލާޖެހުމަކީ، މުޅި ދުނިޔެއަށް މަޝްހޫރު، ދިވެހިންގެ ސަގާފަތާއި ފަންނުވެރިކަން ރަމްޒުކޮށްދޭ އެންމެ އަގުހުރި އެއް ތަރިކައެވެ. ޖީލުތަކަކުން ފެށިގެން ދަމަހައްޓަމުން އަންނަ މި މުހިންމު އަތްތެރި މަސައްކަތް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، މިއަދު މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ގައުމީ ޒިންމާއެކެވެ. ނަމަވެސް، ހުރިހާ މަސައްކަތްތެރިންގެވެސް ޝަކުވާއަކަށް ވެފައި މިވަނީ، ޒަމާނީ ބަދަލުތަކާއެކު މި ސިނާއަތް ކުރިއަރުވައި ދެމެހެއްޓުމުގައި މަސައްކަތްތެރިންނަށް ގިނަ، ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވުމެވެ.
މިގޮތުން، ފުރަތަމަ ކަމަކަށް، ބިޒްނަސް އެކްސްޕޯ ފަދަ ޤައުމީ ފެންވަރުގެ މައިދާންތަކުގައި އުފެއްދުންތަކަށް އިންސާފުކުރުމުގެ މަރުހަލާގައި ގެންގުޅޭ އުސޫލުތަކުގައި ހުރި އުނިކަންކަމުގެ ސަބަބުން، އަސްލު ފަންނުވެރިކަމަށް ހައްޤު މަޤާމު ނުލިބޭކަން ފަންނުވެރިން ފާހަގަކުރިއެވެ. މީގެ އިތުރުން، ލިޔެލާޖެހުމަށް ބޭނުންވާ ރަނގަޅު ލަކުޑި، ރަށުންނާއި ކައިރި ސަރަހައްދުތަކުން ލިބުން ދަތިވުމަކީ، މަސައްކަތްތެރިންގެ އާމްދަނީއަށް ސީދާގޮތުން އަސަރުކުރާ ކަމެއްކަމުގައި އެ ފަރާތްތަކުން ފާހަގަކުރިއެވެ. ހަމައެހެންމެ، މަސައްކަތްކުރާނެ ބިން ރަށުން ލިބެން ނެތުމަކީވެސް، ފަންނުވެރިންނަށް އެ މީހުންގެ މަސައްކަތް ކުރިއެރުވުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.
ލިޔެލާޖެހުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެދާނެފަދަ، އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ބެލެވެނީ، ލިޔެލާޖެހުމަށް ކޮންމެހެން ބޭނުންވާ އަސާސީ މާއްދާތައް ކަމަށްވާ "ލާ" (Lacquer Resin) އަދި "ރިއްސެޔޮ" (Arsenic Sulfide) ހޯދުމަށް ހުރި ބޮޑެތި ހުރަސްތަކެވެ. އަސްލު "ލާ" އަކީ ވަކިކަހަލަ ގަސްގަހުގައި އުޅޭ "ލެކް އިންސެކްޓް" (Lac insects) ކިޔާ ވަރަށް ކުޑަ ސޫތްޕަކުން އުފައްދާ ރެސިން (resin) ނުވަތަ ދަވަ އެކެވެ. މިއީ މި ކުޑަ ސޫފި އުޅޭ ގަސްގަހުގެ ގޮފިތަކުގައި، ހަރުލާފާ ހުންނައެއްޗެކެވެ. މިއީ ތަކެތީގައި ކުލަޖެއްސުމަށާއި، އުފެއްދުންތަކަށް، ވިދުމާއި ރައްކާތެރިކަންދޭ، ދިގުދެމިގެންދާ ބާރުގަދަ ފަށަލަތައް ލުމަށް ބޭނުންކުރާ މައިގަނޑު އަސާސެވެ. އަނެއްކޮޅުން "ރިއްސެޔޮ" އަކީ ލިޔެލާޖަހާ ތަކެތީގެ އެންމެ އަޑީގައިލާ، ފާޅުކަން ބޮޑު ރީނދޫ ކުލަ ނެރެދޭ މާއްދާއެވެ. މި ދެ ބާވަތަކީވެސް ލިޔެލާޖެހުމުގެ ފަންނަށް ހާއްސަ، މަސައްކަތްތެރިންނަށް އެއާ ނުލައި އެއްވެސް އުފެއްދުމެއް ތައްޔާރުނުކުރެވޭނެ ފަދަ މުހިންމު އެއްޗެއްސެވެ. ނަމަވެސް، މިއީ ރާއްޖެއިން ލިބޭ ތަކެއްޗަށް ނުވާތީ، އަވަށްޓެރި ގައުމުތަކުން މިތަކެތި އިމްޕޯރޓް ކުރަންޖެހެނީ ވަރަށް ބޮޑެތި ހުރަސްތަކާއެކުގައެވެ. ހާއްސަކޮށް، ފެންވަރު ރަނގަޅު އަސްލު ޤުުދުރަތީ "ލާ" ލިބުން ދަތިވެ، ބާޒާރުގައި، ކެމިކަލް އެކުލެވޭ އާޓިފިޝަލް ލާ ވިއްކުން ވަނީ އިތުރުވެފައެވެ. އަދި ރިއްސެޔޮ އަކީ އޭގެ ސިފަތަކުގެ ސަބަބުން ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެފަދަ އެއްޗަކަށް ވުމުން، މިއީ ބައިނަލްއަގުވާމީ ގޮތުން ޤައުމުތަކަށް އެތެރެކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރާ އެއްޗެކެވެ. މީގެ ސަބަބުން މަސައްކަތްތެރިންނަށް ރިއްސެޔޮ އެތެރެކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މިކަމަށް އޮތް ހައްލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ރަށު ކައުންސިލް ގުޅިގެން، މަސައްކަތްތެރިންނަށް ފެންވަރު ރަނގަޅު "ލާ" އާއި "ރިއްސެޔޮ" ރަސްމީ ނިޒާމެއްގެ ދަށުން ގަނޑުކޮށް އެތެރެކުރެވޭނެ ހާއްސަ ނިޒާމެއް ޤާއިމްކޮށްދީ، ޤާނޫނީ ލުއިތަކެއް ހަމަޖައްސައިދިނުން ކަމުގައި ދެފަރާތަށްވެސް، އިއްތިފާގުވެވުނެވެ.
މާލީ ފައިދާގެ ދަހިވެތިކަމުގައި ތުޅާދޫގެ ނަމުގައި "ފޭކް" އުފެއްދުންތަކާއި، ރާއްޖޭން ބޭރުން އެތެރެކޮށްފައި ހުންނަ ތަކެތި ވިއްކުން އިތުރުވުމަކީ، މި ސިނާއަތުގެ އަގު ވައްޓާލާ އަނެއް ނުރައްކާ ކަމުގައި ޒުވާން ފަންނުވެރިއަކު ހިންހަމަ ނުޖެހުމާއިއެކު ފާހަގަކުރިއެވެ. ޚާއްސަކޮށް، ލިޔެލާނުޖަހައި، ހަމައެކަނި ބޭރުން ކުލަ ޕްރިންޓްކޮށްފައި ހުންނަ، އަސްލާއި އެއްގޮތްހެން ހީވާ "ލިޔެލާޖެހި ގަލަން" ރާއްޖޭގެ ޓޫރިސްޓް ފިހާރަތަކުގައި، ތުޅާދޫގެ އަސްލު އުފެއްދުމެއްގެ ގޮތުގައި ދަނީ އޮޅުވާލައިގެން ވިއްކަމުންކަމުގައި މި ފަންނުވެރިޔާ ފާހަގަކުރިއެވެ. މިފަދަ އޮޅުވާލުންތަކުން ސަޤާފީ މަސައްކަތްތެރިން ހިމާޔަތްކުރުމަށްޓަކައި، އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު (Law No. 12/2025) ވަނީ ފާސްކޮށް، އަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން އުފެދުނު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް (MIPO) މެދުވެރިކޮށް، ވަކި ރަށަކަށް ހާއްސަ ސަޤާފީ އުފެއްދުންތައް "ޖިއޮގްރަފިކަލް އިންޑިކޭޝަންސް" (GI) ގެ ދަށުން ޤާނޫނީ ގޮތުން ރަޖިސްޓްރީ ކުރެވޭނެއެވެ . މީގެ ސަބަބުން، ތުޅާދޫން ބޭރުން އުފައްދާ ފޭކް އުފެއްދުންތަކަށް ނުވަތަ މެޝިން ޕްރިންޓް ތަކެއްޗަށް "ތުޅާދޫގެ އުފެއްދުމެއް" އެ ނަން ބޭނުންކުރުން، ޤާނޫނުން މަނާވެ، ބޭރުން އެތެރެކުރާ ފޭކް ސުވެނިއާތައް ކަސްޓަމްސް މެދުވެރިކޮށް ބޯޑަރުން ހިފެހެއްޓުމުގެ ޤާނޫނީ ބާރު ލިބިގެންދެއެވެ.
މި ސިނާއަތް ދިރުވައި އާލާކުރުމަށްޓަކައި، ރަށު ކައުންސިލުން ވެސް އަމަލީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މި ބައްދަލުވުމުގައި، ލިޔެލާޖަހާ މީހުންނަށް ވޯކްޝޮޕް ހަދާނެ ކުދި ބިންތައް ހަމަޖައްސައިދީ، އެ ބިންތައް ބޭނުންކުރަނީ އަމަލީ މަސައްކަތަށްކަން (ހަމައެކަނި ގުދަންތަކެއްގެ ގޮތުގައި ނޫންކަން) ކައުންސިލަށް ކަށަވަރުކުރެވޭނެ އުސޫލެއް އޮންނަންވާނެ ކަމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ރަށުން ލަކުޑި ލިބުމުގެ ދަތިކަން ހައްލުކުރުމަށް އަވަށްޓެރި ރަށްރަށުގެ ކައުންސިލްތަކާ ވާހަކަދެއްކުމުގެ އިތުރުން، އާ ރިސޯޓުތައް ހަދާއިރު ކަނޑާލާ ގަސްތަކުގެ ލަކުޑި އުކާލައި، ނުވަތަ ނައްތާލުމުގެ ބަދަލުގައި، އެ ތަކެތި ސަޤާފީ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން ބާރުއެޅުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރަށުން އުފައްދާ ހުރިހާ އަސްލު ތަކެއްޗެއްގައި ޖެހުމަށް، ރަސްމީ "ތުޅާދޫ ލޯގޯ" އެއް ތައާރަފްކުރުމާއި، ވަކިން ހާއްސަކޮށް ސަރުކާރުގެ ރަސްމީ ބޭނުންތަކަށް، ރަށުގެ ލޯގޯޖެހި، އަސްލު އުފެއްދުންތައް ގަތުމަށް ބާރުއެޅުން މުހިންމުކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރައްވާނެކަމުގައި ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި މި ހުރިހާ ކަމެއް ވިލަރެސްކުރުމަށް މަސައްކަތްތެރިންގެ ފަރާތުން ހޮވޭ މަންދޫބުންނާއި، ކައުންސިލް ހިމެނޭ ވަގުތީ ކޮމިޓީއެއް މި ބައްދަލުވުމުގައި ވަނީ އެކުލަވާލާފައެވެ.
އުންމީދަކީ ތުޅާދޫއަށް ނިސްބަތްވާ ލިޔެލާޖަހާ މީހުންނާއި، އެކި އެކި އަތްތެރިމަސައްކަތްތެރިންގެ ގިނަދުވަސްވީ ޝަކުވާތަކާއި، ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ލިބިގެންދިޔުމެވެ. އަދި އިހުޒަމާނުގައި ތުޅާދޫއަށް، ރާއްޖޭގައި ބޭއްވޭ މައުރަޒުތަކުން ލިބުނު ރަންވަނަތަކާއި، ޤަދަރާއި ޝަރަފު، އިހަށްވުރެ ފުރިހަމަ ގޮތެއްގައި އަލުން އަނބުރާ އިއާދަވެގެން ދިއުމެވެ.

ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.