
ރަށްވެހިކަމުގެ ދިރުން ކަމުގައިވި މި ބިނާ، އަލުން ބިނާކުރުން! ތުޅާދޫ ރައްޔިތުންގެ 'ބޮޑު ހުވަފެން'!
ޝައްކެއްވެސް ނެތްގޮތުގައި، ތުޅާދޫގެ އަގުނުކުރެވޭނޭފަދަ ފަންނުވެރިންގެ ނަސަބާއި، އެބައިމީހުން ދަލާއި ލޭ އޮހޮރުވައިގެން އިމާރާތްކުރި ބިނާތަކަކީ، ރައްކާތެރިކުރަންޖެހޭ އެންމެ މުހިންމު ތަރިކައެވެ. އެބޭފުޅުންގެ ތާރީޚީ މަސައްކަތްތެރިކަމަކީ، އެހެން އެއްވެސް ރަށެއްގެ އިދާރީ ހައިސިއްޔަތަށް ބަރޯސާނުވާ، މިނިވަން ޝަރަފެއްގެ ރަމްޒެކެވެ. މަޝްހޫރު 'ތުޅާދޫ މަދަރުސާ' (ފަހުން ތުޅާދޫ ސްކޫލް) ތަޅާލުމަކީ ދިވެހި ބިނާވެށީގެ ތަރިކައަށް ލިބުނު ފޫނުބެއްދޭނެވަރުގެ ގެއްލުމެކެވެ. އެއީ ތުޅާދޫގެ ރައްޔިތުންގެ އަމިއްލަ ފުދުންތެރިކަމާއި، ފަންނުވެރިކަން ދައްކުވައިދޭ 'މާސްޓަރޕީސް' އެކެވެ.
މި މަދަރުސާ ހުޅުވީ 17 އޮގަސްޓް 1936 (29 ޖުމާދަލްޢޫލާ 1355) ގައެވެ. މިއީ ރާއްޖޭގެ އެންމެ ދުވަސްވީ ތަޢުލީމީ ބިނާތަކުގެ ތެރެއިން އެއް ބިނާއެވެ. ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުތަކާ ޚިލާފަށް، މި ބިނާއަކީ ދައުލަތުގެ އެއްވެސް އެހީއަކާއި ނުލައި، ތުޅާދޫގެ ރައްޔިތުން (މައިގަނޑު ގޮތެއްގައި މަސްވެރިން) އަމިއްލައަށް ޚަރަދުކޮށްގެން ބިނާކުރި ތަނެކެވެ. ވީމާ، ރަށުގެ ތާރީޚާއި، ރައްވެހިކަމުގެ، ދިރުން ކަމުގައިވި މި ބިނާ އަލުން އިމާރާތްކުރުމަށް، ސަރުކާރުން އެކަން ކޮށްދޭނެ ކަމަށް އުންމީދުކޮށްގެން އަތްއުރާލައިގެން، ތިބެންޖެހޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. މިއީ ބޮޑު ޚަރަދެއް ކޮށްގެން އަޅަންޖެހޭ 10 ބުރީގެ އިމާރާތެއް ނޫންވިއްޔާއެވެ. މިޒަމާނުގައި މިއީ ފަންޑްރެއިޒް ކޮށްގެންވެސް (އަމިއްލައަށް ފައިސާ ހޯދައިގެންވެސް) ލަސްނުކޮށް ކުރެވިދާނެ ކަމެކެވެ. މިފަދަ ތާރީޚީ ރަށަކަށް ޕަބްލިކް ލައިބްރަރީއެއްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑެވެ. އަދި ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ރަށުގެ ދެ ޕްރީސްކޫލް އެއްކޮށްލައި، އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ތަޢުލީމީ ބިންގާ އަޅައިދޭ މަރުކަޒެއްގެ ގޮތުގައިވެސް މި އިމާރާތް ބޭނުންކުރެވިދާނެއެވެ. މިކަމަށް ބޭނުންވަނީ އިސްނަގައިގެން މިފަދަ ކަންކަން ކޮށްދޭނެ ކައުންސިލްއެކެވެ. އެއްބައިވަންތަ، އެއްބައެއްވަންތަ، ރައްޔިތުންތަކެކެވެ.
މި ބިނާ ފަރުމާކޮށްފައިވަނީ އޭރު ރާއްޖޭގެ ތައުލީމީ ބިނާވެށީގެ އެންމެ މަތީ މިންގަނޑު ކަމުގައި ބެލެވުނު، މާލޭގެ މަޖީދިއްޔާ ސްކޫލުގެ ބިނާއިން ނަމޫނާ ނަގައިގެންނެވެ. މި ބިނާގައި ބޭނުންކޮށްފައިވަނީ ދިވެހި ސަގާފީ އިމާރާތްކުރުމުގެ އުކުޅުތަކެވެ. ތުޅާދޫގެ މަޝްހޫރު ލިޔެލާޖެހުމުގެ މަސައްކަތުން ފެންނަ ފަދަ ފަރުމާތައް، އާންމު ބޮޑު ބިނާއަކަށް ފެތޭނެހެން މިބިނާގައި ހިމަނާފައިވެއެވެ. ތާރީޚު ދިރާސާކުރާ ފަރާތްތަކާއި ރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި، މި ބިނާ ތަޅާލުމުގައި 'ސީދާ ސަބަބެއް' ނެތެވެ. ބައެއްމީހުންބުނާ ގޮތުގައި، ތަޅާލީ މިސްކިތެއް އެޅުމަށްޓަކައި ކަމަށްބުނެއެވެ. އެއީ ތަރިކައެއްގެ ގޮތުގައި ރައްކާތެރިކުރެވޭނެ، ނުވަތަ އިޖުތިމާޢީ ކަމަކަށް ބޭނުންކުރެވޭނެ ތަނެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، މިފަދަ ބިނާއެއް ނައްތާލުމަކީ ތުޅާދޫގެ މިނިވަން ކާމިޔާބީގެ ރަމްޒު ފޮހެލައި، ޒަމާނީ އާންމު އޮނިގަނޑެއްގެ ތެރެއަށް މިރަށް ފެއްތުމަށްޓަކައި، އަތޮޅުގެ ވެރިން ހިންގި އަމަލެކެވެ.
މި ބިނާއަކީ ހަމައެކަނި އޭގެ ބޮޑުމިނަށް ބަލާފައި 'މާސްޓަރޕީސް' އަކަށް ވީއެއް ނޫނެވެ. އެއީ މާލޭގެ މަތީ ފަންތީގެ ބިނާވެށީގެ ސިފަތައް، ރަށު ފެންވަރުގައި ރައްޔިތުންގެ އަމިއްލަ ތަކެއްޗާއި މަސައްކަތުން ދައްކުވައިދިން ފުރިހަމަ މިސާލެކެވެ. ދިވެހިރާއްޖޭގެ މިސްކިތްތަކާއި، ޒިޔާރަތްތަކާއި އެއްގޮތަށް، މި ބިނާގައިވެސް ހިރިގައު ބޭނުންކޮށްފައިވެއެވެ. މި ގައުތައް ކަނޑައި، ފަރުމާކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. ބައެއް ތަންތަނުގައި އުވަ ބޭނުންކުރުމުގެ ބަދަލުގައި، ގައުގަލުގެ "ކަނިތައް" އެކަތި އަނެކެއްޗާ ގުޅުވައިގެން ހަރުކޮށްފައިވެއެވެ. މިސްކިތްތަކުގައި އަރަބި ކެލިގްރަފީ ހުންނަ ފަދައިން، މި މަދަރުސާގައި ބައެއް ފާރުތަކާއި، ކުޑަދޮރުތައް ފަރުމާކޮށްފައިވަނީ އޭރުގެ އިންޖިނިއަރިންގ އަށް ބަލާއިރު ވަރަށް އާދަޔާޚިލާފު މޮޅު ގޮތަކަށެވެ. މި ހުރިހާ މަސައްކަތަކާއި ޚަރަދެއް ކުރީ ސަރުކާރުގެ އެހީއަކާ ނުލައި ރަށުގެ ރައްޔިތުންނެވެ. ދެވަނަ ފަހަރަށްވެސް ސަރުކާރުގެ އެހީއަކާ ނުލައި މި އިމާރާތް ބިނާ ނުކުރެވެންވީ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ؟ ތުޅާދޫ މަދަރުސާގެ ތާރީޚު، އަދުގެ ޖީލަށް އިޢާދަ ނުކުރެވެންވީ ކީއްވެތޯއެވެ؟
މި މަދަރުސާއަކީ މުޅި ރާއްޖޭގައިވެސް 3 ވަނައަށް ރަޖިސްޓްރީކުރެވުނު ސްކޫލެވެ. މި މަދަރުސާ 'ތުޅާދޫ މަދަރުސާ' ގެ ނަމުގައި ހުޅުވީ 17 އޮގަސްޓް 1936 ގައެވެ. އޭގެ ފަހުން 1967 ގައި 'މަކްތަބުލް ހިދާޔާ' އަށް ނަން ބަދަލުކުރުމަށްފަހު، 1978 ގައި 'ތުޅާދޫ ޕުރައިމަރި ސްކޫލް' އަދި އެންމެފަހުން 'ތުޅާދޫ ސްކޫލް' ގެ ނަމަށް ބަދަލުކޮށް 2000 ވަނަ އަހަރު މުޅިން ސަރުކާރު ސްކޫލަކަށް ބަދަލުވިއެވެ. މި ތަޞައްވުރުގެ އިސްވެރިޔަކީ ދޮން އިސްމާއީލު ކަތީބެވެ. އަދި ފުރަތަމަ މުދައްރިސަކީ އަތޮޅުގެ ތައުލީމީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޝައިޚް ކަނޑިތީމު އިބްރާހީމް އަލީ (ދޮން އިބްރާހީމް ކަލޭފާނު) އެވެ. މިފަދަ ބޭބޭފުޅުންގެ ޝަރަފުގައިވެސް އަޅުގަނޑުމެންގެ ބާ މަދަރުސާ އަލުން އާ މަދަރުސާއަކަށް ހަދަން އެބަޖެހެއެވެ. ތުޅާދޫ ރައްޔިތުންގެ 'ބޮޑު ހުވަފެން' ހަޤީގަތަކަށް ހަދަން އެބަޖެހެއެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެކެވެ. އަދިވެސް އެއްފަހަރު 'މަކްތަބުލް ހިދާޔާ' ގެ ފޮނި ހަނދާނުގައި، އިސްވެދިޔަ ޖުމްލަ ތަކުރާރުކޮށްލާނަމެވެ. މިއަދު އަޅުގަނޑުމެންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭނެ ކަމުގެ އުންމީދުގައި، އަޅުގަނޑުމެން އިންތިޚާބުކޮށްފައިވާ، އަދި އަޅުގަނޑުމެން އެންމެން ލޯބިވާ އަޅުގަނޑުމެންގެ ކައުންސިލަރުންގެ ހިތްވަރާއި ރޫޙު އާލާކޮށްދިނުމުގެ ނިޔަތުގައެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެކެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެކެވެ.
ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.