
އެ ޒަމާނުގައި ރަށާއި މުޅިން ވަކިން ހިއްކި ގޯއްޗެއް. އަދި ގޯތި ހިއްކަން ބޭނުންކުރި ބައްތެލި ތެރޭގައި ކުޑަކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން.
ރަށުގެ އަސްލު ދިރުމަކީ، ފަޅާއި ފަރުގެ ދިރުމެވެ: ހިރިގަލާއި، މުރަކައާއި، ހުއިފަޅާއި، އަދި ރަންވޭއާއި ގުޅުންހުރި ވާހަކަ ކޮޅެއް.
ބާޑި ޖަހައިގެން ބިންހިއްކުން.
ފަންނުވެރި ތުޅާދޫގެ ކާބަފައިންނަށް ކުރިމަތިވި އެންމެބޮޑު އަސާސީ ގޮންޖެހުމަކީ، ރަށުގައި ދިރިއުޅޭނެ ބިމުގެ ޖާގައިގެ ދަތިކަމެވެ. އަދި ހަމަ މިހާރެކޭ އެއްފަދައިން ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އެޒަމާނުގައި ބާޑި ޖަހައިގެން ގޯތި ހިއްކުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ އޮންނަ އާދަކާދައެކެވެ. މި މަސައްކަތް ސީދާ ފެށުނު ތާރީޚެއް ލިޔެކިޔުންތަކުން ފެންނާކަށް ނެތެވެ. އިހުގައި ހިރިގަލުން ގެދޮރު ބިނާކުރި މީހުންނަށް ތިލަ ފަރުތަކުގައި ދިރިފައިވާ ހިރިގާތަކަކީ, އެމީހުންގެ ގޯތިގެދޮރުގެ ބިންގަލެވެ.
އެ މީހުންނަކީ ހަމައެކަނި ބާޑިޖަހާ ބިންހިއްކާ ރާނާ މީހުންނެއް ނޫނެވެ. އެބައިމީހުންނަކީ މަސްވެރިންކަމުން އެމީހުން ފަރު ދެނެގަތީ ދިރުން ހުރި، އާލާވާ ބައިވެރިއެއްގެ ގޮތުގައެވެ. ހިރިގާ ނަގަނީ ވަކި މޫސުންތަކެއްގައާއި ވަކި ދިޔަވަރެއްގައެވެ.
ކޮންމެއަކަސް، މާސިންގާ ފަޅެއްގެ ތެރޭގައި އޮންނަ ރަށެއްގެ ބޮޑުމިން ގުދުރަތީ ގޮތުން ފަރުން ކަނޑައެޅިފައިވާއިރު، މިރަށު މީހުންނަށް މަޖުބޫރުވީ ބާޑިޖަހައިގެން ގޯތި ހިއްކައިގެން ދިރިއުޅުން ބިނާ ކުރުމަށެވެ.
މުރާލިކަމުގެ އިންތިހާ ދަރަޖަ.
މިރާއްޖެއަށް ބޮޑުހިލައާއި ސިމެންތި ތައާރަފް ވުމުގެކުރިން، އަދި އުވަގަށާ މެޝިނާއި ބިމުގެ ސާރވޭ ހަދާމީހުންނާއި އާލާތްތައް ތައާރަފްވުމުގެ ކުރިން، ތުޅާދޫގެ ބިމުން އެތައް ހެކްޓަރެއް ބޮޑުކުރީ ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ގުޅިގެން ކުރި ބުރަ މަސައްކަތުންނެވެ. ރަށުގެ އިޖްތިމާއީ ބޭނުމަކަށް، ނުވަތަ މަގަކަށް، އިތުރު ބިން ބޭނުންވުމުން، އަންހެނުންގެ ތަރުހީބާއިއެކު، ފިރިހެނުން މޫދަށް އެރި، ކޯރާޑިތަކާއި، ކައްޓިތައް ބޭނުންކޮށްގެން، އެކުވެރިކަމާއި އެއްބައެއްވަންތަކަމާއިއެކު ޖޯށުގައި މަސައްކަތުގައި ހަރަކާތްތެރިވެއެވެ. މިގޮތުން، ހިރިގާ ބޭނުންކޮށްގެން އިން ވަކިވާވަރަށް ތޮށިގަނޑު ލުމަށްފަހު އެ އިމުގެ ތެރެއަށް އަކިރިއާއި، ކައިރި ފިނޮޅުތަކުން ގެންނަ ވެއްޔާއި، އަދި ބޮނބި ފަދަ ތަކެތި އަޅައިގެން ހިއްކަނީއެވެ. މިގޮތަށް ކުނިބުނިވެސް އަޅައިގެން ހިއްކާ ބިމުގައި މަޑުމަޑުން ފަސްގަނޑު ހަރުވެއެވެ.
މިއީ ފަސޭހަކަމާއެކު ކުރި ކަމެއް ނޫނެވެ. މިއީ މުރާލިކަމާއި ހިތްވަރުގަދަކަމުގެ އިންތިހާ ދަރަޖައެވެ. ކާބަފައިން ބާޑިޖަހައިގެން ބިންހިއްކީއޭ ބުނުމުން، މި މަސައްކަތުގެ ބުރަކަމާއި ބަރުކަން އަޅުގަނޑުމެންނަށް އިހުސާސްވެސް ނުކުރެވޭނެކަން ކަށަވަރެވެ. ހުއިފަޅަކީ މަސްމަހާމެހި އާލާވާ ނާސަރީއެއްކަން އެމީހުންނަށް މާރަނގަޅަށް އެނގެއެވެ. ކުދި މަހާއި، މަށި، އަދި ކުދި އިހި ފަދަ ތަކެތި އެތަނުގައި ރައްކާތެރިކަން ހޯދައި ކައިބޮއި އުޅޭކަން އެމީހުން މާރަނގަޅަށް ދަނެއެވެ. އެތަންތަން ނައްތާލުމުގެ އަގެއް އޮވެއެވެ. ރަށާ ކައިރި މަސްކަނޑުތަކަށް ބަދަލު އާދެއެވެ. އަދި ބައެއް ބާވަތްތައް އެ ސަރަހައްދުން މަދުވެއެވެ. ނަމަވެސް އެއީ ކުޑަ މިންވަރަކަށް، އަތުން ކުރި މަސައްކަތަކަށް ވެފައި، އެތައް ޖީލަކަށް ބެހިގެން ދިޔުމުން، ތިމާވެށި އެއަށް ހޭނުނެވެ.
އެހެންނަމަވެސް، ރަށް ބޮޑުވަމުން ދިޔަ ވަރަކަށް، އަދި ޒަމާން ބަދަލުވަމުންދިޔަވަރަކަށް، އަޅުގަނޑުމެންގެ އުންމީދުތައްވެސް ބޮޑުވަމުން ބަދަލުވަމުން ދިޔައެވެ.
މެޝިނަރީތައް ތައާރަފްވުން.
އެތައް ޒަމާންތަކެއްވަންދެން، ކޯރާޑިއެއް ބޭނުންކޮށްގެން އެއްވާމެއްގައި، ގާ ތަޅާލަ ތަޅާލާއިން މަނިކުބެ ގާތަޅާއަޑު އަޅުގަނޑުމެންގެ ކަންފަތްތަކަށް، އިވިއިވިހުރުމަށްފަހު، އެއަޑާއި އަދި އެމަންޒަރު ފެނުން ހުއްޓުނީ، މަނިކުބެގެ ގައިގައި ހުރި ޖޯރާއި ހިތްވަރު ހުސްވެގެނެއް ނޫނެވެ. ޒަމާން ކުއްލިއަކަށް ބަދަލުވެ ޒަމާނީ އާލާތްތައް ތައާރަފްވުމުގެ ސަބަބުން ގެންގުޅުނު ކޯރާޑި ގޭގައި ބާއްވަން ޖެހުމުގެ ސަބަބުންނެވެ.

20 ވަނަ ގަރުނުގެ ފަހުކޮޅު ހުރިހާ ކަމެއް ބަދަލުކޮށްލިއެވެ. ދޯނިފަހަރު އިންޖީނުލީ އުޅަނދުތަކަށް ބަދަލުވެ، ފަތުރުވެރިކަން ސިނާއަތަކަށްވެ، ތަރައްގީ ގެ ދުވެލި ހަލުވިވިއެވެ. ބައްތެލިތަކާއި ބޮއްކުރާތަކުގެ ބަދަލުގައި، ޑްރެޖަރުތަކާއި، ބޮޑެތި މެޝިންތައް މި ފަޅަށް ވަނެވެ.
އާއިލާތަކުން ބޯހިޔާވަހިކަމުގެ ބޭނުމުގައި، ހުއިފަޅަށް އާލާވާނެ ފުރުސަތުދެމުން، ކުރަމުން ގެންދިޔަ މަސައްކަތުގެ ބަދަލުގައި، ބައެއް ހުއިފަޅުތައް އެއްކޮށް އެއްފަހަރާ ނައްތާލާ ސާފުކޮށްލިއެވެ. ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ފަޅު ފުންކުރުމަށާއި، ތޮށިލުމަށާއި، އަދި ބިން ހިއްކުމަށްޓަކައި، ފަރުގެ ބޮޑެތި ސަރަހައްދުތައް ނައްތާލެވުނެވެ. މިއީ އަޅުގަނޑުމެންގެ ކާބަފާން ހީވެސް ނުކުރާ ވަރުގެ ބޮޑުވަރެކެވެ. ހަގީގަތައް ބުނާނަމަ ގުދުރަތީ ވަސީލަތްތަކަށް ދިން ބޮޑު ގެއްލުމެކެވެ. ކުއްލި ހަމަލާއެކެވެ.



ގެއްލުނީ ކޮން އެއްޗެއް؟
1. ފަރުގެ އޮނިގަނޑު – އެތައް މިލިއަން މަސްމަހާމެހި ދިރިއުޅޭ މުރަކައިގެ އޮނިގަނޑު ސާފުކޮށް އޮމާންކޮށްލެވުނެވެ.
2. ހުއިފަޅުގެ ނިޒާމު – ހުއި ހެދިފައިވާ ބޮޑު ސަރަހައްދެއް ނައްތާލުމުގެ މާނައަކީ މަސް އާލާވާ ނާސަރީތަކާއި، ކަނޑުގެ ފަސްގަނޑު ހިފަހައްޓައިދޭ ނިޒާމާއި، ވެލާ ކަހަނބާއި ކަނޑުގެ ދިރުންތަކުގެ ކާނާ ލިބޭ ތަންތަން ނިޒާމުން ގެއްލުމެވެ.
3. ގުދުރަތީ ގޮތުން ގޮނޑުދޮށް ރައްކާތެރިކުރުން – ދިިރިފައިވާ ނުވަތަ ދިރެމުންދާ ފަރާއި ހުއިފަޅަކީ، ރާޅުގެ ބާރު ކަނޑުވައިދީ ގޮނޑުދޮށް ގިރުމުން ސަލާމަތްކޮށްދޭ ވަސީލަތެކެވެ. އެ ތަންތަން ހަލާކުކޮށްލުމުން ގޮނޑުދޮށް ބަލިކަށިވެ، ވޮޑުމުގެ ބަދަލުގައި އާދަޔާޚިލާފަށް ރަށް ގިރަންފެށުމުން، ބޮޑުހިލަޖަހާ ގޮނޑުދޮށް އާރޓިފިޝަލްކޮށް ހިމާޔަތް ކުރުމަށް މަޖުބޫރުވިއެވެ
މިހާރު، ފަރުމަތީގައި އެއާޕޯޓެއް.
މިއަދު، ތުޅާދޫ މި ދެކެނީ، އަޅުގަނޑުމެންގެ ކާބަފައިން، ދިރުންހުރި އާލާވާ ބައިވެރިއެއްގެގޮތުގައި ދެކެމުންއައި އަޅުގަނޑުމެންގެ ފަރު، ސަރުކާރުގެ ފަރާތުން، މަތިންދާބޯޓު ޖައްސާ ރަންވޭއަކަށް ބަދަލުކުރާ މަންޒަރެވެ.
އަޅުގަނޑުމެންގެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މާނައަކީ:
* އެތައް ލައްކަ ކިއުބިކް މީޓަރެއްގެ ވެއްޔާއި ހިރިއާއި، މުރަކަ ޑްރެޖްކުރުމެވެ.
* ދިރެމުން ހެދެމުންދާ ފަރުތަކާއި ހުއިފަޅުތަކުގެ މައްޗަށް ބިން ހިއްކައި، މުޅި ތިމާވެށި ދާއިމީކޮށް ހަލާކުކޮށްލުމެވެ.
* މަސައްކަތުގެ ތެރޭގައި ބޭރުވާ ކުނޑިތައް (sediment) މުޅި ސަރަހައްދަށް ފެތުރި، މަސައްކަތްކުރާ ސަރަހައްދަށްވުރެ މާ ދުރުގައި ހުރި މުރަކަތައްވެސް މަރުވުމެވެ.
* ފަރުގެ ގުޅުންތަކަށް އިޔާދަނުކުރެވޭވަރުގެ ގެއްލުން ލިބި، މަސްތަކާއި، ވެލާކަހަނބުތައް ފައްސާލާ، މުރަކަ އާލާވުމަށް ހުރަސް އެޅުމެވެ.
މިއީ ކާބަފައިން ކުރި ފަދަ ފަރުވާތެރި، މޫސުމީ މަސައްކަތެއް ނޫނެވެ. މިއީ ސިނާއީ ފެންވަރެއްގައި ފަރު ނައްތާލުމެވެ. މިކަން ކުރަނީ ފަތުރުވެރިކަމުގެ ގުޅުމާއި، އިގްތިސާދީ ކުރިއެރުމާއި، އަދި "ގައުމީ ތަރައްގީ" ގެ ނަމުގައެވެ. ނަމަވެސް ތުޅާދޫ ފަދަ މަސްވެރި މުޖުތަމައަކަށް މިއީ ލިބޭނެ އެންމެ ބޮޑު އެންމެ ފަހު ލަނޑެވެ.
"ތަރައްގީ" ގެ ފުށުއެރުން.
ގިނަބަޔަކު ހީކޮށްގެން މި ތިބެނީ، އެއާޕޯޓްތަކުން ތަނަވަސްކަން ގެނެސްދޭނެ ކަމަށެވެ. ނަމަވެސް ފަރު މަރުވުމުގެ މައްޗަށް ބިނާކުރެވޭ ތަނަވަސްކަމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
އަޅުގަނޑުމެންނަށް ފެންނަނީ:
* ބަނދަރު ހެދުމަށާއި އެއާޕޯޓް އެޅުމަށް ކޮނުމުގެ ސަބަބުން ފަޅުގެ ފެން ތިލަވެ، ކިލަނބުވަމުންދާތަނެވެ.
* ކުނޑި (sediment) އެޅުމުގެ ސަބަބުން ބަލިކަށިވެފައިވާ ފަރުތަކަށް މުރަކަ ހުދުވުމުގެ (bleaching) މައްސަލަ މާ ބޮޑަށް ކުރިމަތިވާތަނެވެ.
އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަލާށެވެ. އަޅުގަނޑުމެން އަދިވެސް މި ބިނާކުރަނީ ރަށް ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެން މި ހަލާކުކުރަނީ ކަނޑުފަޅާއި ފަރުތައް ހެއްޔެވެ؟ އެއީ އަޅުގަނޑުމެން އަމިއްލައަށް މި ނައްތާލާ ސުވަރުގެއެއް ފަދަ ރީތިކަން، ބަލަން އަންނަ މީހުން ގެނައުމަށްޓަކައި ހެއްޔެވެ.
ދުވަސްވީ މީހުންގެ ހަނދާންތަކާއި، ޝަކުވާތައް.
ބިން ހިއްކުމުގައި އަމިއްލަ އަތުން މަސައްކަތްކުރި ދުވަސްވީ މީހުން ބުނެއެވެ:
"އަހަރެމެން ނެގީ ހަމައެކަނި އާއިލާތަކަށް ބޭނުންވާ ވަރަށެވެ. އެވެެސް އެހެން އިތުރު ގޮތެއް ނެތިގެންނެވެ. ވީވަރަކުން ފަރަށް އަމިއްލައަށް އާލާވާން ވަގުތު ދެމުންނެވެ. ތިމާވެށި އޮތީ އެކަމަށް ކޮންމެވެސްވަރަކަށް ހޭނިފައެވެ. މިހާރު ޑުރެޖަރުތަކުން މުޅި ރަށަށް ބޭނުންވާ ވަރު، އެންމެ ދުވަހަކުން ނަގައެވެ. މިހާރު އެއާޕޯޓަކަށްޓަކާ، މުޅި ފަރު އެ ނަގަނީއެވެ."
މިއީ ހަމައެކަނި ޝަކުވާއެއް ނޫނެވެ. އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރިމަތިވެފައިއޮތް މަޖުބޫރުކަމާއިއެކުވެސް މަސައްކަތްކުރީ ވީހާވެސް ބޮޑަކަށް ގުދުރަތީ ހުދޫދުތަކުގެ ތެރޭގައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން އަމަލުކުރަނީ ކަނޑުފަޅުގެ ވަސީލަތްތަކަކީ ހުސްނުވާނެ އެއްޗެއް ކަމަށް ދެކިގެންނެވެ.
މާޒީން ދަސްކޮށް، މުސްތަގުބަލު ރޭވުން.
1. މާޒީގެ އިލްމަށް އިހުތިރާމްކުރުން.
ކޮންމެއަކަސް، ކާބަފައިން ކުރި ފަރުވާތެރި މަސައްކަތަކީ ޒަމާނީ ތިމާވެށީގެ އިލްމުގެ ފިލާވަޅެކެވެ. އަޅުގަނޑުމެން އަލުން ކޯރާޑި ބޭނުންކުރާކަށް ނުޖެހެއެވެ. އެކަމަކު ހަމައެކަނި ކޮންމެހެން ބޭނުންވާ އެޗެއް ބޭނުންވާ މިންވަރަށް ނެގުމާއި، ތިމާވެށްޓަށް އާލާވާން ވަގުތު ދިނުމުގެ އުސޫލު އަލުން ދިރުވިދާނެއެވެ.
2. އެއާޕޯޓް ފަދަ ބޮޑެތި މަޝްރޫއުތަކުގެ އީ.އައި.އޭ (EIA) ދެފުށް ފެންނަ ގޮތަށް ހެދުމަށް ބާރު އެޅުން.
ފަރަށް ގެއްލުންވާ ކޮންމެ މަޝްރޫއަކަށް، މިނިވަން ތިމާވެށީގެ އެސެސްމެންޓްތަކެއް ހެދުމަށް ބާރުއަޅަންޖެހެއެވެ. އަދި އެއީ ހަމައެކަނި މާލޭގައި ފާސްކުރާ އެއްޗަކަށް ނުވެ، އާންމުކޮށް ފެންނަން އޮންނަ، ދިވެހިބަހުން ތަރުޖަމާކުރެވިފައިވާ، އަދި ރަށު ފެންވަރުގައި ބަހުސްކުރެވޭ ކަމަކަށް ވާންޖެހެއެވެ.
3. ބުއްދިވެރި ގޮތްތައް އިޚްތިޔާރުކުރުން.
ފަރު ހަލާކުނުވާނެ ގޮތަށް ފްލޯޓިންގ އެއާޕޯޓް، އުސްކޮށް ހަދާ ރަންވޭ، ނުވަތަ ދިރުން މަދު ސަރަހައްދެއް ބޭނުންކުރުމަށް ބާރުއެޅިދާނެއެވެ.
4. އިޔާދަކުރެވެން އޮތް މިންވަރަކުން އިޔާދަކުރުން.
މުޖުތަމައު އިސްނަގައިގެން ހުއި އިންދުމުގެ މަޝްރޫއުތަކާއި އަދި މުރަކަ އާލާކުރާ ނާސަރީތަކުގެ އެހީގައި ބާކީހުރި ސަރަހައްދުތައް ރަނގަޅު ކުރަން މަސައްކަތް ކުރެވިދާނެއެވެ.
5. ބާކީ ހުރި ތަންތަން ރައްކާތެރިކުރުން.
ތުޅާދޫ ވަށައިގެން ބާކީ ހުރި ދުޅަހެޔޮ ހުއިފަޅުތަކާއި ފަރުތައް ދެނެގަނެ، އެއީ ހަމައެކަނި "ވަސީލަތްތަކެއް" ނޫންކަމާއި، އެއީ ދިރުންހުރި އަދި ދިރިފައިވާ އޮނިގަނޑެއް ކަމަށް ބަލައި ރަސްމީކޮށް ހިމާޔަތްކުރެވިދާނެއެވެ.
6. އަޅުގަނޑުމެންގެ އަޑު، އުފުލުން.
މުޖުތަމައުގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، މިފަދަ ބޮޑެތިކަންކަމުގައި، ސަރުކާރާއި، ރަށު ކައުންސިލް ޖަވާބުދާރީ ކުރެވިދާނެއެވެ. މަޝްރޫއުތަކުގެ ކުރިންނާއި، މަޝްރޫއު ކުރިއަށްދާއިރު، އަދި ފަހުންވެސް ފަރުގެ ދުޅަހެޔޮކަން ހުރިގޮތް ރެކޯޑުކޮށް ބެލެހެއްޓިދާނެއެވެ.
އަޅުގަނޑުމެންގެ ފަރަކީ ހަމައެކަނި މުރަކައާއި ވެއްޔާއި ހިރިގަލެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ތާރީޚެވެ. އަޅުގަނޑުމެންގެ ކާނާގެ ގުދަނެވެ. އަދި ކަނޑުގެ ބާރުތަކުން އަޅުގަނޑުމެން ސަލާމަތްކޮށްދޭ އައްޑަނައެވެ.
ތުޅާދޫގެ ނިންމުން، އަދި ތަރިކަ.
ކާބަފައިން ބާޑިޖަހަން ގެންގުޅުނު ބައްތެލިތަކާއި، މަނިކުބެގެ ކޯރާޑިން ފެށިގެން، މިއަދުގެ ޑްރެޖަރުތަކާއި އަދި އެއާޕޯޓު ރަންވޭއާއި ހަމައަށް، އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ އަމިއްލަ ވަޒަން ބިނާކޮށްފައެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ވިސްނުމުގައި ކަނޑަކީ ރޯދި ލިބޭ ތަނެކެވެ. އަދި އަތުލާވެސް ތަނެކެވެ. މިއަދު އަޅުގަނޑުމެން މިތިބީ ބަދަލުގައި އެއްޗެއް ނުދީ ހަމައެކަނި އަތުލުމުގެ ނުރައްކަލުގެ ތެރޭގައެވެ. އަދި ފަރުމަތީގައި އަޅާ އެއާޕޯޓަކީ، އެންމެ ފަހުން މި އޮތް ހަމަހަމަކަން ނައްތާލާނެ "އަތުލުން" ކަމުގައި ވެދާނެއެވެ.
އެއްޒަމާނެއްގައި ހިރިގަލުން ގެދޮރު އެޅި، ނަމަވެސް މިއަދު އެ މުރަކަތަކާއީ ހިރިތައް ހިމާޔަތްކުރުމަށް ނިންމި ރަށަކަށް ތުުޅާދޫ ވާންއެބަ ޖެހޭތާއެވެ. އެއީ އެ މުރަކަތަކުން، ބަދަލުގައި އަޅުގަނޑުމެންގެ ރަށާއި ގެދޮރު ރައްކާތެރިކޮށްދިނުމަށެވެ. އަދި އަޅުގަނޑުމެން ބުނަންވީ މިހެންނެވެ. ފަރު މަރުވާ ގޮތަށް އަޅާ އެއާޕޯޓަކީ ތަރައްގީއެއް ނޫނެވެ. އެއީ ވައްކަމެކެވެ. ކަނޑުންނާއި، ފަޅުންނާއި ފަރުން، އަދި އަޅުގަނޑުމެންގެ ދަރިންގެ އަތުން ކުރާ ވައްކަމެކެވެ. މި ފަނާކުރުންތައް، ހުއްޓުވައި އަލުން ބިނާކުރަން ފަށަމާ ހިނގާށެވެ.
ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.