
ކުޑަކުޑަ ކަމަކަށް ކަނޑު ހުރަސްކުރުން މަޖުބޫރު: މިއީ އިންސާފެއް ހެއްޔެވެ؟
ބ. ތުޅާދޫގެ ރައްޔިތުން، ކުދިކުދި ސިއްހީ ވަސީލަތްތަކާއި، އާދައިގެ ހިދުމަތްތަކުގެ އިންތިޒާރުގައި، އަދި ކިހާ ދުވަހަކު ތިބެންޖެހޭނެ ހެއްޔެވެ؟ "ޒަމާނީ ތަރައްގީގެ" މި ދުވަސްވަރު، އާބާދީބޮޑު ރަށެއްގެ ރައްޔިތުން އެންމެ އާދައިގެ ބަލި ދެނެގަންނަން ބޭނުންވާ ވަސީލަތްތަކުން މަހުރޫމުވެފައި ތިބެން ޖެހުމަކީ ގައުމީ ފެންވަރުގެ ލަދުވެތިކަމެކެވެ. ހޮސްޕިޓަލެއްގެ އަނދުން ރައްޔިތުންގެ ލޮލުގައި އަޅުވައިގެން އެންމެ ބޭނުންތެރި ކުދި ކުދި ސިއްހީ ވަސީލަތްތައް މިރަށަށް ފޯރުކޮށް ނުދީ، ހިފަހައްޓާލަން ގަސްތުކުރަނީ އަދި ކިހާދުވަހަކު ތޯއެވެ؟ މިއީ ހަމައެކަނި އިހުމާލެއް ނޫނެވެ. މިއީ މި ރަށުގެ މައިންގެ ކަންބޮޑުވުމާއި، އުމުރުން ދުވަސްވީ މީހުންގެ ބަލިހާލަތާއި، އަދި ނިކަމެތި ރައްޔިތުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެބޭނުމުގައި، ވެވޭ ބޮޑު ޚިޔާނާތެކެވެ. އަމިއްލަ ފަސްގަނޑުގައި ދަރިން އުފަންކުރުމަކީ ކޮންމެ އަންހެނަކަށްމެ ލިބިދޭންޖެހޭ ހައްގެކެވެ. ނަމަވެސް، ތުޅާދޫގައި މާބަނޑުވުމަކީ މިއަދުވެސް ބޮޑު ތަކުލީފެކެވެ. ސިއްހީ މަރުކަޒުގައި އާދައިގެ އަލްޓްރާސައުންޑް ސްކޭން (Ultrasound Scan) މެޝިނެއް ނެތުމުގެ ސަބަބުން، ބަނޑުގައިވާ ދަރިފުޅުގެ ހާލަތު ބަލާލުމަށްޓަކައި މައިންނަށް މަޖުބޫރުވެފައިވަނީ ކަނޑުގެ ރާޅުތަކާ ހަނގުރާމަކޮށްފައި، ކޮންމެފަހަރަކުވެސް ދަތުރުކުރާށެވެ.
މިއަށްވުރެ މާ ހިތްދަތި ކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އުމުރުން ދުވަސްވީ މީހުންނާއިމެދު ކަންކުރެވޭ ގޮތެވެ. މި ރަށް ބިނާކުރި އަޅުގަނޑުމެންގެ މައިންނާއި ބަފައިންނަށް، އަމިއްލަ ރަށުގައި، ލޯބިވާ މީހުންގެ ކައިރީގައި، ތިމާގެ މީހުންގެ އަޅާލުމާއި، އަމިއްލަ ހިތްހަމަޖެހުމާއެކު، އޮވެ ފަހުނޭވާލުމުގެ ފުރުސަތުވެސް މިއަދު މިވަނީ ބަންދުވެފައެވެ. ކުޑަކުޑަ ސިއްހީ ވަސީލަތްތެއް ނެތިގެންނެވެ. އެނދުމަތިވެފައިވާ ބަލިމީހާއަށް ކާންދޭން ލައްވާ ހޮޅި، ނުވަތަ ފީޑިންގ ޓިއުބެއްގެ ޕޮޒިޝަން ޗެކްކޮށްލަން ޖެހުނަސް، ޕޯޓަބަލް އެކްސްރޭ (Portable X-ray) ނުވަތަ ސްކޭން މެޝިނެއްފަދަވެސް ނެތުމުގެ ސަބަބުން، ކޮންމެފަހަރަކު އެ ބަލި ހާލުގައި އެމީހުން ސިއްހީ މަރުކަޒުންނެރި އަރުވަންޖެހެނީ ލޯންޗަކަށެވެ. ތުޅާދޫގެ ހިތްފަސޭހަ މާހައުލުގައި ފަހުނޭވާލުމުގެ ބަދަލުގައި، މާލޭގެ ހާސްކަންބޮޑު މާހައުލަށް އެމީހުންގެ މުސްކުޅިއުމުރުގައި ބަދަލުކުރަން މިޖެހެނީ ހަމަ ހަގީގަތުގައިވެސް "ކުޑަކުޑަ ސްކޭން މެޝިނެއް" މިރަށަށް ހޯދައިދިނުން ބޮޑުކަމަކަށް ވެގެންނެވެ. މިއީ ހަމައެކަނި ރަށެއްގެ ސިއްހީ ނިޒާމުގެ ފެއިލްވުމެއް ނޫނެވެ. މިއީ އިންސާނިއްޔަތާ ޚިލާފު، އަނިޔާވެރި އަމަލެކެވެ. ރާއްޖެއަށް 1951 ގައި އެކްސްރޭ، 1995 ގައި ފްލޫރޮސްކޮޕީ، އަދި 1990 ގެ ފަހުކޮޅު އެންޑޯސްކޯޕީ ތައާރަފްވެ، މިއަދު މިކަމަށް ޒަމާނީ ސެންސަރުތައް ބޭނުންކުރަމުންދާއިރު، ތުޅާދޫ ފަދަ އާބާދީ ބޮޑު ރަށެއްގައި، ސްކޭން މެޝިނަކާއި، ރޭޑިއޮލޮޖިސްޓެއް ނެތުމުން ކަމަށްބުނު، މިފަދަ އަސާސީ ޚިދުމަތެއް ނުލިބި ތިބެންޖެހުމަކީ، 2026 ވަނަ އަހަރު ރައްޔިތުންނަށް ކުރެވޭ މަލާމާތެއްނޫން ދެން ކޮންކަމެއްތޯއެވެ ؟
މިހާހިސާބަށް ކަންތައްތައް ގޮސްފައިވުމުން، ވެރިންނާއި ފައިސާވެރިން ޖަވާބުދާރީވާން ބިރުގަންނަ ސުވާލެއް އަޅުގަނޑުމެން ކުރަން އެބަޖެހެއެވެ. މި ވަސީލަތްތައް އަދިވެސް މި ރަށަށް ނުލިބި މިއޮތީ ކީއްވެގެން ހެއްޔެވެ؟ މި ވަސީލަތްތައް މިރަށުގައި ނެތި ހޭދަވާ ކޮންމެ ދުވަހަކަށް، މިކަމުގެ މަންފާ ލިބެނީ ކޮންބަޔަކަށް ހެއްޔެވެ؟ ކޮންމެ ދުވަހަކު ތުޅާދޫގެ އެތައް ރައްޔިތުންނެއް ސިއްހީ ފަރުވާއަށް މާލެދާން ލޯންޗުތަކަށް އެބައަރައެވެ. މިރަށުގައި ސްކޭން މެޝިނާއި އެކްސްރޭ ހުރިނަމަ، މި ދަތުރުތައް ހުއްޓޭނެއެވެ. ނުވަތަ ބޮޑުތަނުން މަދުވާނެއެވެ. އެހެންވެއްޖެނަމަ ގެއްލުންވާނީ ކޮން ބަޔަކަށް ހެއްޔެވެ؟ ލޯންޗުތަކުގެ ވެރިންނާއި، ރައްޔިތުން ހޮވާފައިވާ ވެރިންނާ ދެމެދު އެއްބަސްވުމެއް ނުވަތަ "ޑީލެއް" އޮތީ ހެއްޔެވެ؟ ލޯންޗު ދަތުރުތަކުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ގަސްތުގައި ހުރަސް އަޅަނީ ހެއްޔެވެ؟ މިއީ ހިތްނުތަނަވަސްވާ ފަދަ ބިރުވެރި ޚިޔާލެކެވެ. ލޯންޗު ތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ބޮޑު މަންފާއަށްޓަކައި އަޅުގަނޑުމެންގެ ސިއްޙަތާއި ކަރާމާތް ވިއްކާލަނީ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
މިކަމަށް އަޅުގަނޑުމެން ބޭނުންވަނީ ޖަވާބެކެވެ. ތުޅާދޫ ސިއްހީ މަރުކަޒު ހިންގަން ހަވާލުކޮށްފައިތިބި ވެރިންނާއި، އިދާރީ މުއައްޒަފުންގެ ބޮޑު މަސްއޫލިއްޔަތެއް މިކަމުގައި އެބައޮތެވެ. އެބޭފުޅުންގެ އަމާޒަކީ ހަމައެކަނި، ދުވަހުންދުވަހަށް ލިޔެކިޔުންތައް ފުރިހަމަކުރުން ކަމުގައި ވެގެން ނުވާނެއެވެ. ތުޅާދޫގެ ލޭހިނގާ މިރަށަށް ނިސްބަތްވާ މީހުންނަށް އެމީހުންގެ ދަރިން އަމިއްލަ ފަސްގަނޑަށް އުފަންކުރުމުގެ ހައްގާއި، އެ ފަޙުރު، ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ސިއްހީމަރުކަޒުގެ މުއައްޒިފުންގެ އެންމެ އިސް އަމާޒު ކަމުގައި ވާން ޖެހޭނެ ނޫންތޯއެވެ؟ ހަމައެހެންމެ ރަށު ފަސްގަނޑަށް ހިދުމަތްކުރުމުގައި މުޅި އުމުރު ހޭދަކުރުމަށްފަހު، މުސްކުޅިވެ ގައިބާރު ދެރަވެ އެނދުމަތިވުމުން، އެންމެކުޑަމިނުން އެމީހުންނަށް ރަށުގެ ފަސްގަނޑުގައި، އާއިލާއާއި ރައްޓެހިންގެ އަޅާލުމާއިއެކު، ފަހުނޭވާލުމުގެ ނަސީބު ހޯދައިދިނުމަށް، މަސައްކަތް ކުރުމަކީ ސިއްހީމަރުކަޒުގެ މުއައްޒިފުންނާއި ރަށުގެ ވެރިންގެ އިންސާނީ ވާޖިބެއް ކަމުގައި ވާން ޖެހޭނެ ނޫންތޯއެވެ؟ ވިޔަފާރިވެރިއެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މި ތަކެތި ހޯދުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ، އެ ފަރާތެއްގެ މައުލޫމާތު، ފަސްނުޖެހި ހާމަކުރަން ޖެހެއެވެ.
"ބަޖެޓެއް ނެތް" ނުވަތަ "އަންނަ އަހަރު" ފަދަ ބަހަނާތަކެއް، ދެން އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ސިޔާސީ ކެމްޕޭނަށް މިރަށަށް އައިސް މި ސްކޭން މެޝިނެއްގެ އަނދުން، ރައްޔިތުންގެ ލޮލުގަ ވިޔަސް ނިއްކުރީގަ ވިޔަސް ނާޅުވާ ހަމަ އެއްވެސް ފަރާތެއް އެއްވެސް ޕާޓީއެއްނެތެވެ. އިތުރު ބޭކާރު ވާހަކަދެއްކުން ދެން ހުއްޓާލާށެވެ. ސިއްހީ މަރުކަޒުގައި ސްކޭން މެޝިނެއް ނެތިސް، ރައްޔިތުން ގާތަށް ވޯޓުހޯދަން ދެން އަންނާނެކަމެއް ނެތެވެ. ވަގުތުން ވަގުތަށް މި ވަސީލަތްތައް މިރަށަށް އެބަ ބޭނުންވެއެވެ. ހޮސްޕިޓަލު އެޅޭތޯ ނޭޅޭތޯ، ނިމޭތޯ ނުނިމޭތޯ، ސިއްހީ މަރުކަޒު، ލެވެލް 3 އިން ލެވެލް 2 އަށް ބަދަލުވޭތޯ ނުވޭތޯ ބަލާކަށް، ތިބޭކަށް ދެން ނެތީމެވެ.
ތުޅާދޫއަކީ ވިޔަފާރިވެރިން ފައިސާ ފެލާ މަރުކަޒެއް ނޫންވިއްޔާއެވެ. އަޅުގަނޑުމެންނަކީވެސް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއެކު ދިރިއުޅުމާއި، މަރުވުމުގެ ހައްގު ލިބިގެންވާ އިންސާނުންނެވެ. އާދޭސްކުރުމުގެ ވަގުތު ފާއިތުވެއްޖެއެވެ. އަޅުގަނޑުމެންގެ ވަސީލަތްތައް ހޯދައިދޭށެވެ. ނޫންނަމަ، ތިޔަ ދޭ ޚިދުމަތަކީ ރައްޔިތުންގެ ސިއްހަތު ރަހުނުކޮށްފައި ހިންގާ ވިޔަފާރިއެއް ކަމަށް ބަލައި، ރަށު ރައްޔިތުން ނުކުމެ ފިޔަވަޅު އަޅަން ޖެހިދާނެއެވެ.
ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.