
ތުޅާދޫއަށް އައު ބާބެއް: އުންމީދާއިއެކު، އައު ކައުންސިލަށް މަރުހަބާ.
ހުނަރުން ފުރިގެންވާ ލިޔެލާޖެހުމުގެ ފަންނާއި، ހީވާގި މަސްވެރި އާއިލާތަކާއި، ރައްޔިތުންގެ ހިތްހެޔޮކަމަށް މަޝްހޫރު މި ހިތްގައިމު ރަށަށް، މިއަދަކީ ތާރީޚީ ދުވަހެކެވެ. އަލަށް އިންތިޚާބުވި ކައުންސިލް މެންބަރުން ރައްޔިތުންގެ ކުރިމަތީގައި ތިބެ، މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.
އަލަށް މަގާމާ ހަވާލުވި ކައުންސިލަށް މަރުހަބާ ދަންނަވަމެވެ! އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށްވެސް ފަށްފަށުން މަރުހަބާ ދަންނަވަމެވެ! އަދި ތިޔަބޭފުޅުންގެ ވަށައިގެންވާ ކަނޑު ފަދަ ފުން، މުހިންމު މަސްއޫލިއްޔަތަކަށް މަރުހަބާ ކިޔަމެވެ.
ތިޔަބޭފުޅުން އިންތިޚާބުކުރީ ރަށުގެ ރައްޔިތުންނެވެ. ތިޔަބޭފުޅުންގެ ކިބައިން ފެނުނު ލީޑަޝިޕްގެ ސިފަތަކާއި، އިޚްލާޞްތެރިކަމާއި، ތުޅާދޫގެ މަސްލަހަތު ހުރިހާ ކަމަކަށްވުރެ އިސްކުރާނެ ކަމުގެ އުންމީދުގައެވެ. އެ އިތުބާރަކީ ތިޔަބޭފުޅުންގެ ކާބަފައިން އުފެއްދި އެންމެ ފުރިހަމަ ލިޔެލާޖެހި އުފެއްދުންތަކާއި އެއްވަރުގެ އަގުބޮޑު ތަރިކައެކެވެ. އެ އިތުބާރުގެ ހިމާޔަތުގައި ހުރިހާ ހަކަތައެއް ހޭދަކުރައްވާށެވެ.
ތުޅާދޫއަކީ، އެތައް ޖީލެއްގެ މީހުން، އެމީހުންގެ ދިރިއުޅުން ބިނާކުރި ތަނެކެވެ. ތިޔަބޭފުޅުންގެ ކާފަބަފައިން އަމިއްލަ އަތްތަކުން ކުރެހުންއެޅި ލިޔެލާޖެހި ތަކެތިން ކިޔައިދެނީ، ކެތްތެރިކަމާއި، ރަށަށް އޮތް ލޯތްބާއި، އުންމީދުގެ ވާހަކައެވެ. ކަނޑުރޯދި ހޯދުމަށް އަތްވާއި ވާރޭގައި، ދޯނިފަހަރު ދުއްވި މި ކަނޑު، ތިޔަބޭފުޅުންނަށް ހަނދާން ކޮށްދެނީ، ހިތްވަރާއި، ކެތްތެރިކަމެވެ.
މިއަދު ކައުންސިލަށް މި ވާރުތަވަނީ އެ ތާރީޚެވެ. މިހާތަނަށް ލިޔެވިފައިވާ ރަށުގެ ތާރީޚީ ސަފުހާތަކުން ފެންނަނީ ރަށުގެ ކާމިޔާބީތަކާއި، ރަށަށް ދިމާވި ގޮންޖެހުންތަކެވެ. އަދި ތަރައްގީއާއި، އާދަކާދަ ހިމާޔަތްކުރުމާއި، ތައުލީމާއި ސިއްހަތާއި، ފުރުސަތުތަކަކަށްޓަކައި ތުޅާދޫ ރައްޔިތުން ކުރި އުންމީދުތަކެވެ. ތިޔަބޭފުޅުންގެ މަސައްކަތަކީ މާޒީގެ ވާހަކަ އަލުން ލިޔުމެއް ނޫނެވެ. ނަމަވެސް، ފަރުވާތެރިކަމާއި ހިތްވަރާއެކު، ކާމިޔާބު އައު ބާބެއް އިތުރުކުރުމެވެ.
އެންމެ ފުރަތަމަ، ރަށުގެ އަޑުއަހާށެވެ. ހޮޅުއަށިތަކުގައި ތިބޭ އިސްރަށްވެރިންނާއި، ކުރިޔަށް އޮތް މުސްތަގުބަލާ މެދު ހުވަފެންތައްދެކޭ ޒުވާނުންނާއި، ކަނޑުގެ ބަދަލުވަމުންދާ އޮއިވަރު ދަންނަ މަސްވެރިންގެ އަޑެވެ. ކޮންމެ އަޑަކީވެސް މުހިންމު އަޑެކެވެ. ފާގަތި މުޖުތަމައެއް ބިނާކުރެވޭނީ ރައްޔިތުންގެ އަޑުއަހާ ކައުންސިލަކަށެވެ.
ފުރަތަމަ ކަމަކަށް ތުޅާދޫގެ ޚާއްޞަ ސިފަތައް ހިމާޔަތްކުރާށެވެ. އަޅުގަނޑުމެންގެ ލިޔެލާޖެހުމުގެ ފަންނަކީ ދުނިޔެ ބަލައިގަންނަ އަގުބޮޑު ޖަވާހިރެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެއްޓާއި، ފަރުތަކާއި، ގޮނޑުދޮށްތައް ފަދަ ތަންތަނަކީ ރަށުގެ ވިންދެވެ. ތަރައްގީ އަންނަންވާނީ ރަށުގެ ރަށުވަންތަކަން ގެއްލޭ ގޮތަކަށް ނޫނެވެ. އާދަކާދައާއި ތަރައްގީ، ގުޅުވާލަދޭށެވެ. އޭރުން ތިޔަބޭފުޅުންގެ ދަރިންގެ ދަރިންނަށްވެސް، މިއަދު ފެންނަ ތުޅާދޫ ފެންނާނެއެވެ. އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާށެވެ. ބައިބައިވެފައިވާ ކައުންސިލަކީ ދެ މާލިމީން ތިބި އޮޑިއެއް ފަދަ އެއްޗެކެވެ. މާޒީގައި ތަޖުރިބާ ކުރެވިފައިވާ ފަދައިން، އެ އޮޑި، އެއްވެސް ތަނަކަށް ދަތުރެއް ނުކުރާނެއެވެ. ވީމާ، ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އިހުތިރާމާއެކު ބަހުސްކޮށް، އެއް އަމާޒަކަށް އަތްގުޅާލާށެވެ. ރައްޔިތުން ބަލަނީ ތިޔަބޭފުޅުން ނިސްބަތްވާ ޕާޓީއަކަށް ނޫނެވެ. ރައްޔިތުން އެދެނީ، އަމާން މަގުތަކާއި، އެންމެނަށް ހަމަހަމަ ފުރުސަތުތަކަށެވެ.
ސާފު ބިއްލޫރި ފަދައިން ހާމަކަން ބޮޑުކުރާށެވެ. ކޮންމެ ނިންމުމެއް، ބަޖެޓުގެ ކަންކަން، އަދި ކޮންމެ މަޝްރޫއެއް ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮންނަންވާނެއެވެ. އިތުބާރު އުފެދެނީ ހާމަކަން ބޮޑުވުމުންނެވެ. ކަންކަން ސިއްރުކުރާ ނަމަ ޝައްކު އުފެދޭނެއެވެ.
ތުޅާދޫއަށްޓަކައި ބޮޑެތި ހުވަފެންތައް ދެކޭށެވެ. ވަސީލަތްތައް މަދުވެފައި ގޮންޖެހުންތައް ގިނަވެދާނެއެވެ. ނަމަވެސް ލިޔެލާޖެހުމުގެ ފަންނު ހަނދާންކުރާށެވެ. އެ މަސައްކަތް ފެށެނީ އާދައިގެ ލަކުޑިބުރިއަކުންނެވެ. އެތައް ފަށަލައެއްގެ ކުލައާއި، އެތައް ގަޑިއިރެއްގެ ކެތްތެރިކަމަށްފަހު އެ ނިމެނީ ފުރިހަމަ ކުރެހުމަކުންނެވެ. ތިޔަބޭފުޅުންގެ ދައުރަކީ އެ ކުރަހާ ކުރެހުން ކަމުގައި ދެކޭށެވެ. ބަނދަރު ހަދައި، ސްކޫލް މަރާމާތުކޮށް، ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ، އިސްރަށްވެރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅާލާ ބަލަހައްޓާށެވެ. ދުވަހަކުވެސް ފޮހެވިގެން ނުދާނެ ފަދަ ނިޝާނެއް ދޫކުރާށެވެ.
ދައުރު ނިމޭއިރު، ކާމިޔާބީ މިނެކިރޭނީ ނޫސްބަޔާންތަކަކުން ނޫނެވެ. އެއީ އަމާންކަމާއިއެކު ޕާކުތަކުގައި ކުޅޭ ކުޑަކުދިންގެ ހުނުމުގެ އަޑާއި، ދުނިޔެއަށް ލިޔެލާޖެހި ތަކެތި ވިއްކާ ޒުވާން ފަންނުވެރިޔާގެ ފަޚުރުވެރިކަމާއި، ދަތިތަކުން ސަލާމަތްވި މަސްވެރިޔާގެ ހިނިތުންވުމާއި، ދަރިންގެ މުސްތަގުބަލާ މެދު އުންމީދު ކުރާ މަންމައިންގެ އުފާވެރިކަމުންނެވެ.
ތިޔަބޭފުޅުން ހުވާ ތިޔަ ކުރައްވަނީ އެތައްބައެއްގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށް އެއްބަސްވަމުންނެވެ. އެއީ މި ރަށުގެ ކޮންމެ ފިރިހެނަކާއި، އަންހެނަކާއި، ކުޑަކުއްޖެއްގެ އުންމީދެވެ. އެމީހުން ތިބީ ބަލާށެވެ. ވައުދުތައް ހަގީގަތަކަށް ބަދަލުކޮށްދޭނެ ކައުންސިލަކަށް އެމީހުން އިންތިޒާރުކުރާތާ ލައްކަ ގިނަދުވަސް ވެއްޖެއެވެ.
މިއަދަކީ ތިޔަބޭފުޅުންނަށް ޝަރަފުވެރި ދުވަހެކެވެ. ނަމަވެސް މާދަމާއާއި އޭގެ ފަހުން އޮތް ކޮންމެ ދުވަހަކީ މަސައްކަތުގެ ދުވަހެއްކަމުގައި ހަދާށެވެ. ތުޅާދޫގެ ކުރިމަގު މިއަދު އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައެވެ. އެކުގައި މަސައްކަތް ކުރާށެވެ. އަދި މަގާމާ ހަވާލުވެ ކުރާ ހުވަޔަކީ ވެރިކަންކުރުމުގެ ނިޔަތުގައި ކުރާ ހުވައެއްގެ ބަދަލުގައި ހިދުމަތްކުރުމުގެ ނިޔަތުގައި ކުރާ ހުވައެއް ކަމުގައި ތިޔަބޭފުޅުންގެ ކޮންމެ އަމަލަކުން ސާބިތުކޮށްދޭށެވެ. ރައްޔިތުންނަށްޓަކައި ސާބިތު ބަޔަކަށް ވާށެވެ. ބުއްދިވެރި، އޯގާތެރި ބަޔަކަށް ވާށެވެ. ރައްޔިތުމީހާ ފެނުމުން މޫނު އަނބުރާލުމުގެ ބަދަލުގައި، ހިނިތުންވުމާއި، ހިތްހެޔޮކަމާއި، އޯގާތެރިކަމާއިއެކު އެމީހުންނާ ވާހަކަ ދައްކާ، ގާތްގުޅުމެއް ދަމަހައްޓަން މަސައްކަތް ކުރާށެވެ.
މާތްﷲ ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.
ޚިޔާލުތައް
ފުރަތަމަ ޚިޔާލު ލިޔުއްވާ.